އިންޑިއާއިން ސިނަމާތަކަށް މިއަހަރު ނެރޭ އެންމެ ވަރުގަދަ އެއް ފިލްމުގެ ގޮތުގައި ބެލެވިފައިވާ "އާރްއާރްއާރް" ގައި ބޮލީވުޑްގެ ތަރި އާލިއާ ބަޓް ފެންނާނެ ގޮތް ދައްކާލައިފިއެވެ.
ފިލްމު "އާރްއާރްއާރް" ގައި އާލިއާ ފެނިގެންދާ ސީތާގެ ކެރެކްޓަރ ދައްކާލީ އިއްޔެ ފާހަގަކުރި އާލިއާގެ 28 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.
ހިންދީ ފިލްމަކަށް ނުވިނަމަވެސް ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރަމުންގެނދާ އެއް ސަބަބަކީ މި ފިލްމަކީ ބޮކްސްއޮފީހުގައި އެތަކެއް ކާމިޔާބީއެއް ހޯދި ފިލްމު "ބާހޫބަލީ"ގެ ޑައިރެކްޓަރ އެސްއެސް ރާޖަމޯލީގެ ފިލްމަކަށް ވުމުންނެވެ. "ބާހޫބަލީ" އަށް ލިބުނު ވަރުގެ ޖާގައެއް ބޮކްސްއޮފީހުން މި ފިލްމުވެސް ހޯދާނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދޭް މި ފިލްމަކީ 1920 ގެ ތެރޭގައި ހިނގާ ހަނގުރާމައެއްގެ ކަންކަން ދައްކުވައިދޭ ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ.
އާލިއާ ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ދެކުނުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީ ރާމަ ރާއޯ ޖޫނިއާ ފެނިގެންދާނެއެވެ. މީގެ އިތުރުން ބޮލީވުޑްގެ ސުޕަސްޓަރ އަޖޭ ދޭވްގަންގެ ރޯލެއްވެސް މި ފިލްމުގައި ހިމެނެއެވެ.
400 ކަރޯޑް އިންޑިއާ ރުޕީސްގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ ޓެލަގޫ ފިލްމަކަށް ވީނަމަވެސް އިންޑިއާގެ އިތުރު 4 ބަހަކުން މި ފިލްމު ޑަބްކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.