އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާކަހަލަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅާއި ގުޅޭގޮތުން މިއަދު ލީކުވެފައިވާ ލިޔުމާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަބަދުވެސް އޭރުގެ ވެރިކަމުގައި އޮންނަ ފަރާތަކަށް ތުހުމަތުކޮށް ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް އެއްވެސް ސަރުކާރަކުން އަމިއްލަ ޤައުމާއި ވަތަނަށް ގެއްލުންވާ ގޮތަށް މިނިވަންކަން ގެއްލޭފަދަ ކަމެއް ކުރާނެކަމަށް ގަބޫލު ނުކުރައްވާކަމަށް މުހުތާޒު ވިދާޅުވިއެވެ.
އަމިއްލަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާކަހަލަ އެއްވެސް ކަމެއް އެއްވެސް ސަރުކާރަކުން ނުކުރާނެ. ސިޔާސީ މަންފާއަށް ގައުމީސަލާމަތާއި ދޭދޭ ގައުމުތަކުގެ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާޒާތުގެ ވާހަކަތައް ދެއްކުމަކީ ދިވެހި ސިޔާސީ މަސްރަހުގައި އޭރުވެސް މިހާރުވެސް ހިނގާކަމެއް.
– މުހުތާޒު ވިދާޅުވިއެވެ.
ލީކުވެފައިވާ އުތުރު ތިލަފަޅުގެ ލިޔުންތަކާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ވަނީ އެއީ ހަގީގަތެއްނެތް ލިޔުންތަކެއްކަމަށްބުނެ ބަޔާނެއް ނެރެފައެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ