ނޫ ރާއްޖޭގެ ދެވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ދަތުރު ފަށައިފި

ނޫ ރާއްޖޭގެ ދެވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ދަތުރު ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 07:19
0

ދިވެހިރާއްޖޭގެ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމްއިން ރާއްޖޭގެ ކަނޑުތަކާއި ފަރުތަށް ދެނެގަތުމަށް ބާއްވާ ދެވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ފަށައިފިއެވެ.

އެމެރިކާގެ ރިސާޗަރުންނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންވެރިން ހިމެނޭ ޓީމުން ކުރާ 22 ދުވަހުގެ މި ދަތުރުގައި ފުރުތަމަ މާލެ އަތޮޅުގެ އުތުރާއި ދެކުނުގައި ހޭދަކުރުމަށްފަހު ދެން ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.

މި އެކްސްޕެޑިޝަންގައި ހުވަދޫ އަތޮޅު، ފުވައްމުލަށް، އައްޑޫ އަދި މާލެ އަތޮޅުގެ ފަރުތަކުގެ ހާލަތު ދިރާސާކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ އަބާދީ އަންދާޒާކުރުމަށް ސާވޭ ކުރަންވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޅި އަޅައިގެން ފީނައިގެން  ފަރުގައި އުޅޭ ދިރުންތަކުގެ ވެށި ދިރާސާކޮށް، ރިމޯޓް ކޮންޓްރޯލްޑް  ކެމެރާ ބޭނުންކޮށްގެން މިޔަރު އަދި ކަހަނބުފަދަ ބޮޑެތި ދިރުންތަކުގެ މައުލޫމާތުވެސް އެއްކުރެވޭނެއެވެ. މި އެކްސްޕެޑިޝަން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަފާރީ ބޯޓެއްކަމަށްވާ ކާޕޭ ނޯވޯ ގައެވެ.

ނޫ ރާއްޖެ ޕްރޮގްރާމްއިން ޖެނަވަރީ 2020 ގައި ދިޔަ ފުރުތަމަ އެކްސްޕެޑިޝަންގައި އުތުރު އަދި މެދުރާއްޖޭގެ 16 އަތޮޅެއް ވަނީ ސާވޭކުރެވިފައެވެ. އެ އެކްސްޕެޑިޝަންގެ ދިރާސާގެ ނަތީޖާ ހިމެނޭ ރިޕޯރޓް  މި އޭޕްރިލް މަހު އާއްމުކުރެވިގެންދާނެއެވެ. މިދެ އެކްސްޕެޑިޝަންގެ ދިރާސާ ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުތެރޭގައި ފުޅާދާއިރާއެއްގައި މިގޮތަށްކުރެވޭ ފުރުތަމަ ކަނޑުގެ ދިރާސާއަށެވެ.

މި އެކްސްޕެޑިޝަނުން އެއްކުރެވޭ މައުލޫމާތު ދެމެހެއްޓެނިވި މަސްވެރިކަންކުރިއެރުވުމަށާއި، މަސްވެރިކަމުން އާމްދަނީ އިތުކުރުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރަާނެއެވެ. މީގެ އިތުރުން މި މައުލޫމާތުގެ އަލީގައި ސަރުކާރު އަދި ނޫ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭނިންގައާއި، ދެމެހެއްޓެނެވި ފަތުރުވެރިކަންކުރިއެރުވުމުގެ މަސައްކަތުގެ ހަރަކާތްތަށްވެސް ބައްޓަން ކުރެވިގެންދާނެއެވެ.

މަސްވެރިކަން ރަނގަޅަށް މެނޭޖްކުރުމަށްޓަކައި ސައިންޓިފިކް ހެކި އަދި ދިރާސާގެ މައްޗަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަކީ ވަރަށް މުހިއްމުކަމެއް. މި ސައިންޓިފިކް އެކްސްޕެޑިޝަންތަކުން އެއް ކުރެވޭ މައުލޫމާތަކީ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ނިޒާމް  އިތުރަށް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން އިތުރަށް ކުރިއަރުވާ މެނޭޖްކުރުމަށް ވަރަށް މުހިއްމު.

– މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނަރަލް، އާދަމް ޒިޔާދު، ވިދާޅުވިއެވެ.

މި އެކްސްޕެޑިޝަންއަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ފަރުތައް މިގޮތަށް ސާރވޭ ކުރެވޭ ފުރަތަމަ ފަހަރު. ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުމުގެ ހާލަތުގެ ސްނެޕްޝޮޓެއް މިހާ ގިނަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ލިބޭކަމީ ވަރަށްވެސް ބޮޑުއުފަލެއް. އަދި މި ޑޭޓާ ބޭނުންކުރެވޭނީ ރާއްޖެއަށް މެރިން ސްޕޭޝަލް ޕްލޭނެއް ފަރުމާކުރުމަށް އެހީތެރިވުމަށް.

– ނޫ ރާއްޖޭގެ ޕާރޓްނަރެއްކަމަށްވާ އެމެރިކާގެ ވެއިޓް އިންސްޓިޓިއުޓުގެ ސައައިންސް ޑިރެކްޓަރ އޭންޑީ އެސްޓެޕް  ވިދާޅުވިއެވެ

މިހާރު ކުރިއަށް މިގެންދެވެނީ އެކްސްޕެޑިޝަންގެ ފަހުގެ މަރުހަލާ މަސައްކަތްކަމަށްވާތީ މިދަތުރު ނިންމާލުމުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ސަރވޭ ކުރެވޭނެ. މިއީ ފަރުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށްވީއިރު، ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެން މޮނިޓަރކުރަން ބޭނުންވާ އާ ސަރަހައްދުތަކެއްގެ ގިނަ މަޢުލޫމާތުތަކެއެވެސް ލިބިގެންދާނެ. މީގެ އިތުރުން، މި ސަރވޭތައް ކުރެވޭ ވަގުތަކީ ކޮރަލް ސްޕޯނިންގ ވަގުތާވެސް ދިމާވާނެކަމަށްވެސް ބެލެވޭ ދުވަސްވަރަކަށްވާތީ ރިސަރޗް ޓީމުންދަނީ ކޮރަލް ސްޕޯނިންގ އާއި ގުޅުންހުރި އާ މަޢުލޫމާތުތަކެއް ލިބޭނެކަމުގެ ފޮނި އުންމީދުގަ.

– މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނަޢީމް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުގެ ގޮތުން މިއެކްސްޕެޑިޝަންގައި ބައިވެރިވާ ސައިންސްވެރިންނާއި ފަޅުވެރިން ސަފާރީއަށް އެރުމުގެ ކުރިން ކަރަންޓީން ކުރެވޭނެއެވެ. އަދި ދަތުރުގެ ބައިވެރިންނާއި މުޖުތަމައުގެ ރައްކަލަކަށްޓަކައި،  ދަތުރު ކުރިއަށް ދާއިރުގައިވެސް  ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅޭނެއެވެ. މިގޮތުން، ދަތުރުގެ ބައިވެރިން މީހުން އުޅޭ އެއްވެސް ރަށަކަށް ނުދާނެއެވެ.

ނޫ ރާއްޖެއަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ ކަނޑުތަށް ހިމާޔާތްކޮށް ކަނޑުގެ ރޯދިން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖްތިމާއީ ފަހި ކުރިމަގެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ފަސް އަހަރުގެ ޕްރޮގްރާމްއެކެވެ. ރާއްޖޭގައި މި ޕްރޮގްރާމްގެ އިސް ރޯލެއް އަދާ ކުރަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މެރިން ރިސާޗް އިންސްޓިޓިއުޓް އިންނެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މެންބަރުންގެތެރޭގައި ހިމެނެނީ ވެއިޓް އިންސްޓިޓިއުޓާއި، ނޭޝަނަލް ޖިއޮގްރޭފިކް ޕްރިސްޓިން ސީސްއާއި، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.