ފޮރިން ސަރވިސްގެ ބިލް މަޖިލީހަށް ހުށަހެޅުމަށް ފޮނުވައިފި

ފޮރިން ސަރވިސްގެ ބިލް މަޖިލީހަށް ހުށަހެޅުމަށް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 07:11
0

ފޮރިން ސަރވިސްގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ފޮނުވައިފިއެވެ.

ފޮރިން ސަރވިސްގެ ބިލަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސް ކޭޑަރެއް ބިނާކުރުމަށްޓަކައި، ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުމަށް އެކަށައަޅާ ބިލެކެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅަނީ، އެ ޤާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާވާ ބާވަތްތައް އިޞްލާޙުކުރުމަށާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަނާއި، އިންޓަރ ކަނެކްޝަން ޗާޖަސް އަދި ރީއިންޝުއަރަންސް ޕްރީމިއަމްއިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ އުސޫލު އިޞްލާޙުކުރުމަށާއި، އެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ފަހުން، ޤާނޫނު ތަންފީޛުކުރުމުގައި ކުރިމަތިވަމުންއައިސްފައިވާ ދަތިތައް ޙައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.

ސަރުކާރުން މިދައުރަށް ހުށަހަޅަންޖެހޭ ބިލްތައް ހުށަނާޅައިގެން މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގޮސްފައިވާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއީ އެޓާނީ ޖެނެރަލް އޮފީހުން މިދައުރުގައި މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި 7 ވަނަ ބިލެވެ. މިދައުރުގައި މިހާތަނަށް ރައީސް އޮފީހުން ވަނީ މަޖިލީހަށް 5 ބިލެއް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.