ކައުންސިލް ވޯޓަކީ މިހާރުއޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ލިބޭ ފަހު ފުރުސަތުކަަށް މާލެ ސިޓީ ކައުންސިލް މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ހުޅުމާލެ (ޔޫތުސިޓީ) އަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދު ޤައުމު އޮތީ ވަރަށްވެސް ކަންބޮޑުވާ އަދި ނާޒުކު ހާލަތެއްގައިކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއިމެދު އެތަކެއް ސުވާލުތަކެއް އުފެދިފައިވާއިރު މިއީ ދިވެހި ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭކަމެއްކަމަށެވެ.

ކައުންސިލްތަކަކީ ރައްޔިތުންނާއި އެންމެކައިރިން ޚިދުމަތްދޭ ރައްޔިތުން އިންތިޚާބު ކުރާ މަޤާމުތަކުގައި ތިބޭ ބަޔަކަށްވާއިރު، މާލެ ސިޓީ ކައުންސިލުން ނިމިދޔަ ދުވަސްތަކުގައި ކައުންސިލުން ރައްޔިތުންގެހައްގުގައި ކުރެއްވި މަސައްކަތެއް ނުފެންނަކަމަށެވެ. ޚާއްސަކޮށް އިސްލާމްދީނާއި، ދިވެހިންގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ އެތައްކަމެއް ހިނގަމުންދާއިރު، އެކަންކަމާއި މާލެސިޓީ ރައްޔިތުން ސުވާލު އުފައްދަމުންދާއިރު، އެކަންކަމަށް ސިޓީ ކައުންސިލުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަމީ އޮތް ކަނބޮޑުވުމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ދީނާ ޚިލާފު ރިޕޯޓެއް އެމްޑީއެން އިން ނެރުމުންވެސް މާލެ ސިޓީ ކައުންސިލުން ބަހެއް ބުނި ތަނެއް ނުފެނޭ. ނަމަވެސް މުޅި ރާއްޖޭގެ ކައުންސިލް ތަކުން އެކަން ކުށްވެރިކޮށް ބަޔާންނެރެ ހަދާފައިވޭ.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ އަޒުމަކީ އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައި ރައްޔިތުންގެ އުދާސްތަކަށް ހައްލެއް ހޯދައި ދިނުންކަމަށާއި، އެކަން ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ސާބިތުވެ ހުންނަވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ތިޔަ ކުރާއިތުބާރު ނަގައެއްނުލާނަމޭ. ކުރާ އިތުބާރު އަމާނާތްތެރި ކަމާއިއެކު އަދާކޮށްދޭނަން. އަޅުގަނޑުމެންގެ ވިސްނުމަކީ ޤައުމީ ވިސްނުމެއް. މިއަދު ގޯސް ގޮތަކަށް މިކަން ނިމެއްޖެނަމަ ރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ ހިސާބަށްދާނެ.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒު ވިދާޅުވީ ވޮޓުލާ ދުވަހު އަތަށް އަރާ ކަރުދާސް ކޮޅަކީ ހަމައެކަނި ވޯޓު ކަރުދާސްކޮޅަށް ދެކިގެން ނުވާނެކަމަށެވެ. އެއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ސަލާމަތްކޯށް ދިވެހިންގެ މިނިވަންކަމަށްޓަކައި ލިބޭ ކަރުދާސްކޮޅެއް ކަމަށް ދެކި އެކަރުދާސްކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޑރ.މުއިއްޒުވަނީ އެދިވަޑައިގެންފައެވެ. އަދިމިހާލަތު ބަދަލުވާނެ ހަމައެކަނި ގޮތަކީ ޕީޕީއެމްގެ ކައުންސިލްތަކެއް އިންތިޚާބުކޮށްގެންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ