އިސްތިޤުލާލާއިމެދު އުފެދިފައިވާ ޝައްކު ފިލުވައިދޭންޖެހޭ: އަމީން

އިސްތިޤުލާލާއިމެދު އުފެދިފައިވާ ޝައްކު ފިލުވައިދޭންޖެހޭ: އަމީން

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 04:38
0

އުތުރު ތިލަފަޅާއި، ގުޅޭގޮތުން މިއަދު އާންމުވި ލިޔުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލާއިމެދު އުފެދިފައިވާ ސުވާލުތަކާއި، އޮތް ޝައްކު ފިލުވައި ދެއްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހިމް ގޮވާލައްވައިފިއެވެ.

މިއަދު ލީކު ކޮށްލާފައިވާ އެގްރިމަންޓުގައި ވާގޮތުން ހަތިޔާރު ވެސް ގެންގުޅެވޭނެގޮތަށް އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެއެވެ. މިނޫންވެސް ދިވެހިންގެ ސިޔާދަތާއި އިސްތިޤުލާލާއި ގުޅުންހުރި އެތައްކަމެއް ލީކް ކޮށްލާފައިވާ އެގްރީމަންޓުގައި ވެއެވެ. މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާިބް ރައީސް އަމީން އިބްރާހިމް ވިދާޅުވީ މިއީ ދިވެހި އެތައް ރައްޔިތެއްގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދިފައިވާ މައްސަލައަކަށްވާއިރު މިކަން ސާފުކޮށް ތިލަކޮށްދެއްވަން ޖެހޭކަމަށެވެ.

އުތުރު ުތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ނެރުނު ލިޔުންތަކާއި ގުޅިގެން ޑިފެންސް މިނިސްޓްރީންވަނީ މިއަދު ބަޔާނެއް ނެރެފައެވެ. ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ލީކް ކޮށްގެން އުޅޭކަމަށް ބުނާ ލިޔުންތަކީ އެއްވެސް ހަގީގަތެއް ނެތް ލިޔުންތަކެއްކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ.

ލީކު ކޮށްލާފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި ވަނީ އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.