އެޗްޕީއޭއަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ޖަގަހައެއް: ހީނާ

އެޗްޕީއޭއަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ޖަގަހައެއް: ހީނާ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 03:52
0

އެޗްޕީއޭއަކީ މިއަދު ވެރިކަން ދަމަހައްޓަން ގެންގުޅޭ ޖަގަހައެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ފަހަކަށް އައިސް ނިންމުންދާ ނިންމުންތަކާއި، ހަދަމުންދާ ގައިޑްލައިންތަކާއި ގުޅިގެން އާންމުގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ހީނާ ވިދާޅުވީ ރައްޖޭގެ އެންމެ ޚިދުމަތްތެރި ބޭފުޅުން ތިއްބެވި ވުޒާރާއާއި، މުވައްސަސާގެ އަގު ވައްޓާލައި، އެމީހުންގެ މަސައްކަތް މިސަރުކާރުން ވެއްޔާއި މޮޑެފައިވާކަމަށެވެ.

އެޗްޕީއޭއަކީ ރާއްޖޭގެ ހެލްތު ދާއިރާގެ ގިނަ ބޭފުޅުންތަކެއް ހަރަކާތްތެރިވާ މުވައްސަސާއަކަށްވާއިރު މިއަދު އެމުވައްސަސާގެ ނަން ބޭނުންކޮށް ސިޔާސީ ބޮޑެތި ނިންމުންތައް ނިންމާކަމީ ޞިއްޚީ ބޭފުޅުންގެ ނުރުހުންވެސް އިންތިހާއަށް މިސަރުކާރަށް މިއަދު ކުރިމަތި ވެފައިވާކަމެއްކަމަށް ހީނާ ވިދަޅުވިއެވެ. މިއަދު އެޗްޕީއޭ އޮޕަރެޓް ކުރަމުންދަނީ ސަރުކާރުގެ އެންމެ މަތިން ސިޔާސީ ގޮތުން ސަރުކާރަށް މަންޒާވާ ގޮތަކަށް ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭގެ ނިންމުންތަކަކީ މިހާރު ސިޔާސީ ނިންމުންތަކެއް. އެތަނަކީ ވެރިކަން ދަމަހައްޓަން ގެންގުޅޭ ޖަގަހައަކަށްވެއްޖެ. އެޗްޕީއޭ އޮޕަރޭޓް ކުރަނީ ސަރުކާރުގެ އެންމެ މަތިން. ސިއްޙީ ތަޖުރިބާކާރުންގެ އަގު މިސަރުކާރުން ވެއްޔާމޮޑެލައިފި. ނިންމުންތައް ނިންމާގޮތް ސާފު!

– ހީނާ ވިދާޅުވިއެވެ.

އެޗްޕީއޭގެ އަމަލުތައް ހުންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅު ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އެޗްޕީއޭ މިއަދު ފެނިގެންދަނީ ރާއްޖޭގެ ރައްޔިތުންގެ އެތަކެއް ހައްގެއް ނިގުޅާ މުވައްސަސާއެއްގެ ގޮތުގައިކަމަށެވެ. ހޮޓާ ރެސްޓޯރެންޓު ބަންދުކޮށް، އިޤްތިޞާދީ ގޮތުން މީހުންގެ މާލީ ތަނަވަސްކަން ލިބެން ހުންނަ ކަންކަން ހުއްޓުވުމުން ލިބޭ ގެއްލުންތަކަކީ އެކަމުގެ އިހުސާސް ސަރުކާރަށް ނުކުރެވޭ ކަންތައްތަކެއްކަމަށް ތޮލާލް ވިދާޅުވިއެވެ.

ކޯވިޑް ފެތުރުން ހުއްޓުވުމަށް ވިޔަފާރިތައް ފުޑާލައި، ރައްޔިތުންނަށް އާމްދަނީ ލިބޭނެމަގުތައް ބަންދުކޮށް، ރަށްރަށުން މާލެ އަރާ ތިބި މީހުންނާއި، ހޮޓާތަކުން ކާބޮއި ހަދާ މީހުންނާއި، ބޭރު މީހުންނަށް ކެއިން ބުއިމަށް ހުރަސްއެޅުން ނޫން ހައްލެއް ނެތިތޯ؟

– ތޮލާލް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިން ތަކުގެ ސަބަބުން، ކެފޭ، ރެސްޓޯރަންޓް ތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.