ވެކްސިން ޖެހުމުގައި ކޮޅާއިކޮޅު ނުފެންނަ ކިއުތައް، ގައިޑްލައިނަށް ބެލުމެއްނެތް، އެޗްޕީއޭ ހަމަހިމޭނުން

ވެކްސިން ޖެހުމުގައި ކޮޅާއިކޮޅު ނުފެންނަ ކިއުތައް، ގައިޑްލައިނަށް ބެލުމެއްނެތް، އެޗްޕީއޭ ހަމަހިމޭނުން

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 12:13
0

ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުން މާދަމާ ހުއްޓާލާތީ މިއަދުވެސް ވެކްސިން ސެންޓަރުތަކަށް ބާރު ބޮޑުވެ އެތައް ސަތޭކަ ބަަޔަކާ އެކު ކިއޫތައް ދަމާލައިފިއެވެ.

ވެކްސިން ޖެހުމަށް އެންމެ ބޮޑަށް ބާރުއަޅަމުންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންނެވެ. ކޯވިޑް-19 އަކީ ގައިގަޔަށް ފަސޭހައިން އަރާ ބައްޔަކަށްވާއިރު، މުޖުތަމައުގައި ޚާއްސަކޮށް މާލެ ސަރަހައްދުގައި 5 މީހުުންނަށްވުރެ ގިނައިން އެއްނުވެވޭނެކަމަށް ކަނޑައެޅިވެސް އެޗްޕީއޭއިންނެވެ. ނަމަވެސް އެއްވެސް ގައިދުރު ކަމެއްނެތި ބޮޑެތި ކިއުތައް ހަދައިގެން ވެކްސިން ޖަހަމަށް އެތައްބަޔަކު ތިބިއިރުވެސް އެޗްޕީއޭއިން މިކަމުގައި އެޅި އެއްޗެސް ފިޔަވަޅެއް ނެތެވެ.

ވެކްސިން ކިއުތަކުގެ ސެކިއުރިޓީވެސް ބަލަހައްޓަމުންދަނީ ފުލުހުންނެވެ. ނަމަވެސް ގައިޑްލައިންގައިވާ ގޮތުން 5 މީހުންނަށްވރެއް ގިނައިން އެއްވާނަމަ ޖޫރިމަނާ ކުރަންޖެހެއެވެ. ވެކްސިން ޖެހުމަށް ގިނަބަޔަކު ޖަމާވަމުންދާއިރު، މިކަމުގައި އެހެން އިންތިޒާމެއް ހަމަޖެއްސުމަށްވެސް އަދި މިކަމުގައި އަމަލުކުރާނެ އެއްވެސް އިރުޝާދެއްވެސް ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން މިހާތަަށްވެސް ދީފައިނުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނަށް ދިވެހިން އިންތިޒާރުކުރާތާ އަހަރެއްފަހުން ރާއްޖެއަށް ވެކްސިން ލިބި ރާއްޖޭގައި ވެކްސިން ދޭންފެށިފަހުން މިހާ މިވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. އެއްލައްކަ އައްޑިހަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. މިއީ މިސަރަޙާއްދުގެ ޤައުމުތަކުގެ ވެކްސިން ޕްރޮގްރާމްތަކަށް ބަލާއިރުވެސް އާބާދީގެ ނިސްބަތުން ބޮޑު ކުރިއެރުމެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކޯވިޑް-19އަށް ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ކޯވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ފުރިހަމަކުރުމަށް ކޮންމެ މީހަކަށްވެސް ވެކްސިންގެ 2 ޑޯޒް ދޭންޖެހެއެވެ.

މާލޭގެ 8 ސެންޓަރެއްގައި މިހާރުވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާއިރު އަތޮޅުތަކުގައިވެސް 169 ސެންޓަރެއްގައި އަންނަނީ ވެކްސިން ދިނުމުގެ މަސައްކަތްކުރަމުންނެވެ. ވެކްސިންގެ 2ވަނަ ޑޯޒް ދިނުމަށްވާންޖެހޭ ތައްޔާރީތައް މިހާރުވަމުން އަންނައިރު މިޑޯޒް ދޭންފަށާނެކަމަށް ބެލެވެނީ އަންނަ އޭޕްރީލްމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.