އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި ވޯޓްލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި މަލެ ސަރަހައްދުގައި ބަހައްޓަންޖެހޭ ވޯޓްފޮށީގެ އަދަދުވަނީ އިތުރުވެފައެވެ. މިއާއިއެކު އިތުރު މަރުކަޒުތައް ހެދުމަށް އިލެކްޝަން ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކޮމިޝަނުން އިއުލާންކޮށްފައިވަނީ ކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން މާލޭ ސަރަހައްދުގައި 202 ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދާށެވެ. މާލެ ސަރަހައްދުގައި ވޯޓުލާ މަރުކަޒު ގާއިމްކޮށްދިނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އިލެކްޝަނަށް ބީލަނަށް ހުށަހެޅުމަށްވަނީ ދަންނަވާފައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ކޯވިޑް-19 އާއި ގުޅިގެން 2 ފަހަރެއްގެ މަތީން ފަސްކުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ