ސިކްސް ސެންސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ނުލިބޭތީ ކަންބޮޑުވުން

ސިކްސް ސެންސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ނުލިބޭތީ ކަންބޮޑުވުން

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2021 08:30
0

ލ.އަތޮޅު މިހާތަނަށް ތަރައްޤީކޮށްފައިވާ ހަމައެކަނި ރިސޯޓު، ސިކްސް ސެންސަސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަނުޖެހޭތީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ކޯވިޑް-19ގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށްވެސް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައި ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބައެއް ރިސޯޓްތަކުގެ މުވައްޒިފުންނަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްިފުންނަށް ވެކްސިން ނުލިބި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ލ.އަތޮޅު މިހާތަނަށް ތަރައްޤީކޮށްފައިވާ ހަމައެކަނި ރިސޯޓު، ސިކްސް ސެންސަސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަނުޖެހި އެރިސޯޓުގެ ގިނަ މުވައްޒިފުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސިކްސް ސެންސް ލާމުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ޖެހޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދޭންޖެހޭ ކަމަށެވެ. އަދި އެކަން ހަމަޖެއްސުމަށް މަޖިލިސް ތެރެއިންވެސް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސިކްސް ސެންސް ލާމުގައި މަސައްކަތްކުރާ މާވަށް، ހިތަދޫ، ކުނަހަންދޫގެ މުވައްޒިފުން ވެކްސިން ޖަހައި ދިނުމަށް ސަރުކާރުގައި ދަނީ އެދެމުން. އަދި ކޯވިޑް-19 ގެ ހާލަތުގައި އެތައް ގުރުބާނީއެއް ވަމުންދާ (ޓުވަރިޒަމް) ރިސޯޓް މުވައްޒިފުންނާއި، ގެސްޓްހައުސް، ސަފާރީ، ޑައިވްސްކޫލު އަދި ވޯޓާ ސްޕޯޓްސްފަދަ ތަންތާ މަސައްކަތްކުރާ މުވައްޒިފުންނަށް ވަކްސިން ދިނުން އަވަސް ކުރުމަށް މަޖިލިސް މެދުވެރިކޮށް ބާރު އަޅާނަން.

– ސައީދު ވިދާޅުވިއެވެ.

ވެކްސިން ޕްރޮގުރާމުގެ ދަށުން މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތްކުރާ 10،000އަށް ވުރެގިނަ މުވައްޒަފުންނަށް މިހާތަނަށް ވެކްސިން ދީފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ހަމަހަމަ ކަމާއިއެކު ހުރިހާ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ވެކްސިން ނުލިބުމުގެ ޝަކުވާއަކީ މިހާރު އެންމެބޮޑަށް އޮތް އެއް ޝަކުވާއެވެ.

ޓޫރިޒަމް ސިނާއަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް ހާއްސަކޮށް ވެކްސިން ރަޖިސްޓްރޭޝަންއަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި މިހާރުވަނީ ވެކްސިންޖަހަންޖެހޭ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭގައި އާންމުކޮށް ހުޅުވާލައިގެން ޖެހުން މި މަހުގެ 15 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންޖެހެނީ 8 ހަފްތާ ފަހުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.