ކަރަންޓީން ނުވެ ރަށްރަށަށް ކެމްޕެއިން ކުރުމަށް ދެވޭގޮތަށް ގައިޑްލައިނަށް ގެނައި އިސްލާހު އެޗްޕީއޭއިން އުވާލާފައިވަނީ ރަށްރަށަށް ކެމްޕެއިނަށް ދާންބޭނުންވާ އެންމެން ފުރުވާލުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް ކެމްޕެއިނަށް ރަށްރަށަށް ދާންބޭނުންވާ މީހުންނަށް ކެމްޕެއިނަށް ދެވޭ ގޮތުގެ އުސޫލުހެދިތާ 24 ގަޑިއިރު ނުވަނީސް އުސޫލު ބާތިލު ކޮށްފައިވަނީ ރޭގައެވެ. އުސޫލު ބާތިލްކޮށްފައިވާ ސަބަބާއި ގުޅޭގޮތުން މުސްތަފާ ވިދާޅުވީ މިއީވެސް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަމަށެވެ. އެޗްޕީއޭއިން ގަބޫލު ކުރަނީ މިއަދު އެމީހުން ހަދާ ކޮންމެ މަކަރެއްގައި ދިވެހި ރައްޔިތުން ޖެހޭނެ ކަމަށް ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންނަށްވެސް ކޮންމެވެސް ވަރަކަށް ވިސްނޭކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ އުސޫލު ބަދަލުކުރިކަން ހާމަކޮށް، ރަށްރަށް ކެމެޕްއިނަށް ނުދެވޭނެކަމަށް ކަނޑައެޅީ ރަށްރަަށް ކެމްޕެއިނަށް ދާންބޭނުންވި މީހުން، ނުވަތަ އެޗްޕީއޭއިން ރާވައިގެން ފުރުވާލަން ބޭނުންވި އެންމެން ފުރުވާލުމަށް ފަހުގައިކަމަށެވެ. މިއީ ދުރާލައި ރާވައިގެން ކޮށްފައިވާ މަކަރުވެރި ކަމެއްކަމަށް މުސްތަފާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިނަށް ރަށްރަށަށް ދާން ބޭނުންވާ އެންމެން ފުރުވާލާފަ، އެޗްޕީއޭއިން މި އަންގަނީ ރަށްރަށަށް މީހުން ދިއުމަކީ މަނާކަމެއްކަމަށް. ކޮންމެ ކަމެއް މި ކުރަނީ މިފަދަ ހީލަތްތެރި ގޮތަކަށް! އެޗްޕީއޭ މީހުން ފިޔަވައި ދެން ތިބި ރައްޔިތުންނަކީ 15 ކުޅަދު މަދު ކަނޑު ކޮހޮން.
– މުސްތަފާ ވިދާޅުވިއެވެ.
މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ އާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ.
މިއާއެކު އިލެކްޝަންސް ކޮމިޝަނާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ އެދިވަޑައިގަތުމަށް އެޗްޕީއޭއިން ވަނީ ކަރަންޓީން ނުވެ ފަސް ދުވަހުގެ މުއްދަތަށް ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ރަށްރަށް ދެވޭނެ އައު ގައިޑްލައިނެއް އެކުލަވާލާފައެވެ. ނަމަވެސް ޢާންމުންގެ ފާޑުކިއުންތައް އަމާޒުވެ އެ ގައިޑްލައިން ޢާންމުކުރިތާ 24 ގަޑިއިރު ނުވަނީސް އެޗްޕީއޭއިން ވަނީ އެ ގައިޑްލައިން އުވާލާފައެވެ.
ކޮމެންޓު ފޮނުވާ