އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ޗެލްސީގެ ޓިމޯ ވާނާ ވަނީ ގޯލެއް ޖަހާފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.
ޗެލްސީގެ ގޯލު ޖެހީ މެޗުގެ 42 ވަނަ މިނިޓްގައި މޭސަން މައުންޓް އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި އޭރިއާތެރެއިން ޗެލްސީގެ އެންގޮލޯ ކަންޓޭ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. ޗެލްސީގެ ހަކީމް ޒިޔެޗް ޖެހި ބޯޅައެއް ލިވަޕޫލްގެ ޑިފެންޑަރުން ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ޗެލްސީގެ ގޯލާ އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި ހަމަލާއެއް ފެނުނީ މެޗުގެ ފަހު ކޮޅުގަ އެވެ.
މިއީ ލިވަޕޫލް ދަނޑުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ފަސް ވަނަ މެޗެވެ. މިއީ އެ ޓީމުގެ ތާރީހުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ ނަތީޖާއާ އެކު ޗެލްސީ ހަތަރު ވަނަ އަށް އެރީ 27 މެޗުން 47 ޕޮއިންޓާ އެކު އެވެ. ފަސް ވަނާގައި އޮތީ ރޭ ވެސްޓް ބްރޮމް އަތުން 1-0 އިން މޮޅުވި އެވަޓަން އެވެ. އެވަޓަަން އަށް ވަނީ 26 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނާގައި އޮތީ 26 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ވެސްޓް ހޭމް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަތް ވަނާގައި އޮތީ 27 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ޗެލްސީގެ ކޯޗުކަމާ ޖެނުއަރީ މަހު ފަހުކޮޅު ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ.