ނިމިދިޔަ ފެބްރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެކުރީ ޖަނަވަރީ މަހަށްވުރެ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ ފެބްރުވަރީ މަހު ރާއްޖެއަށް 96،881 ފަރުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައީ 92،103 ފަތަުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށްވުރެ 4778 ފަތުރުވެރިން އިތުރަށް އަހަރުގެ ދެވަނަ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރު ރާއްޖެއަށް މިހާތަނަށް 188،984 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ނިމިދިޔަ ފެބްރުވަރީ މަހު އެވްރެޖް ގޮތެއްގައި ދުވާލަކު 3،460 ފަތުރުވެރިން އައިސްފައި ވާކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއް ވަނާގައި އަހަރު ފެށުނީއްސުރެ އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ މި ލިސްޓުގެ އެއްވަނައަށް ޖެހިލައި ފަތުރުވެރިންގެ އަދަދުތަކުގެ ފަރަގު އަންނަނީ ބޮޑުކުރަމުންނެވެ. އެގޮތުން މިދިޔަ ފެބްރުވަރީ މަހު އިންޑިއާގެ 44،039 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ރަޝިއާއަށް ނިސްބަތްވާ 40،698 ފަތުރުވެރިން ފެބްރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.
ކޮމެންޓު ފޮނުވާ