މިހާތަނަށް ހަމައެކަނި ސީޕްލޭން އޮޕަރޭޓްކުރަމުން އައި ޓްރާންސް މޯލްޑިވިއަން އެއާވޭސް، ޓީއެމްއޭ އިން އާންމު އުދުހުންތަކަށް ތައްޔާރުވާން ފަށައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރާ ޓީއެމްއޭއިން އިން އެތެރޭގެ އުދުހުންތަކަށް ނުކުންނަން ނިންމާ، ވީލް ބޭސް އޮޕަރޭޝަން ނުވަތަ ރަންވޭއަށް ޖައްސާ ބޯޓުގެ ހިދުމަތް ފަށަން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.
ޓީއެމްއޭގެ އޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އިތުރު ސީޕްލޭން ގެނެސް، ސީޕްލޭންގެ އަދަދު 60 އަށް އިތުރުކޮށް، އޭޓީއާރު މަތިންދާ ބޯޓު ގެނެސް އެތެރޭގެ އުދުހުންތައް ފަށަން ވެސް ވަނީ ނިންމާފަ އެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުހުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ޓީއެމްއޭގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ހިންގާ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ މިހާރު ތަރައްގީކުރަމުންދާ ޅ. މަޑިވަރު އެއާޕޯޓެވެ. އެގޮތުން އެ އެއަރޕޯޓްގައި މަތިންދާބޯޓު ހެނގަރ ފަދަ ވަސީލަތް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
މަޑިވަރު އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރާ އެއާޕޯޓެކެވެ. އެ ކުންފުންޏަކީ ޓީއެމްއޭގެ އެއް ހިއްސާދާރު ކަމަށްވާ ޗަމްޕާ ކުންފުނީގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.
ޓީއެމްއޭއިން އެންމެ ފުރަތަމަ ހިދުމަތް ފެށީ 1989 ވަނަ އަހަރު "ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް" ގެ ނަމުގައި ހެލިކޮޕްޓަރ އޮޕަރޭޝަނުންނެވެ. އޭގެ ފަހުން "ހަމިން ބާޑް އައިލެންޑް އެއާވޭސް"އަށް ނަން ބަދަލު ކުރިއެވެ. އެ ކުންފުނިން ސީޕްލޭންގެ އޮޕަރޭޝަންތައް ފަށާފައިވަނީ 1997 ވަނަ އަހަރު އެވެ.
ޓީއެމްއޭއަކީ ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑްތަކެއް މި ދާއިރާއިން ހޯދާފައިވާ އެއަރލައިނެކެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އެވޯޑާއި އިންޑިއަން ކަނޑުގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އެވޯޑް އެއް ފަހަރަށްވުރެ ގިނަ ފަހަރު ހޯދާފައި ވެއެވެ.