އަންނަ ސީޒަނުގައި އީގަލްސްގައި ކޯޗަކަށް ހުންނާނީ މުހަންމަދު ޝިޔާޒް މޯހަންކަމަށް އެކުލަބުން ހާމަކޮއްފި އެވެ.
ޓްރާންސްފާގައި ކުޅުންތެރިން ނުހޯދި ނަމަވެސް ނިމިދިޔަ ސީޒަނުގައި ޓީމުގައިތިބި ކުޅުންތެރިންނާއެކު ޕްރެކްޓިސް ފެށުމައަށް އީގަލްސްއިން އަންނަނީ ތައްޔާރުވަމުންނެވެ. މޯހަން ބުނީ އެނާ އެއްވެސް އިރެއްގައި ޓީމު ދޫކޮއްލުމުގެ ހިޔާލެއް ނުގެން ގުޅޭ ކަމަށާއި އޭނާ ފެންނާނީ އަންނަ ސީޒަނުގައި ވެސް އީގަލްސްއިން ކަމަށެވެ.
ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެކެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުން 1997-2008 އަށް ފުރި މޯހަން އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު އެޓީމުގެ އެސިސްޓެންޓް ކޯޗެވެ. އަދި 2012 ވަނަ އަހަރު މެޗަކުން ބަލިނުވެ ނިއު ރޭޑިއަންޓަށް ލީގު ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ވެލެންސިއާ އާއި އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވެ އެވެ.
އީގަލްސްގެ ކޯޗުކަމާ މޯހަން ހަވާލުވީ 2018 ގައެވެ. އޭނާއާ އެކު އެ ޓީމުން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އަންނަ ސީޒަނަކީ އީގަލްސްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެޓީމުން އޭއެފްސީ ކަޕުގައި ވާދަކުރާނެ ފުރަތަމަ ސީޒަނެވެ. އެފްއޭ ކަޕުގެ ޗެމްޕިއަނުންނަށްދޭ ޕްލޭއޮފް ޖާގަ އީގަލްސް އަށް ލިބުނީ އެފްއޭ ކަޕް ކެންސަލްވުމާ އެކު އެ ޖާގަ ލީގުގެ ދެ ވަނަ އަށް ދިނުމުންނެވެ.
އަންނަ ސީޒަން ފަށާނެ ކަމަށް ބެލެވިފައި އޮތީ ޑިސެމްބަރު 8 ގައެވެ. އެނގިފައިވާ ގޮތުގައި އެ ދުވަހު ކުޅޭ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް އީގަލްސް އެވެ.