މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓް ދަށަށް

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓް ދަށަށް

Author
ޢަލީ އާދަމް
16 ފެބްރުއަރީ 2021 02:30
0

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓުކުރި މުދަލުގެ އަދަދު ދަށަށް ހިނގައްޖެ އެވެ.

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓުކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފަ އެވެ.

ކަސްޓަމުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީމަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީމަހު 420 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީމަހު މިއަދަދު އުޅެނީ 316 މިލިއަން ރުފިޔާގައެވެ. މިއީ 25 އިންސައްތައިގެ ދައްވުމެކެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީމަހު މި ޢަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޫއޭއީ، ޗައިނާ އަދި އޮމާނުން ނެވެ. ޔޫއޭއީއިން 386 މިލިއަން މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 365 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ.

ރާއްޖޭން އާންމުގޮތެއްގައި އެންމެ ގިނަ އަދަދަކަށް އަބަދުވެސް އެކްސްޕޯޓުކުރާ މުދަލަކީ މަހުގެ ބާވަތްތަކެވެ. ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން ރާއްޖޭން މައިގަނޑު ގޮތެއްގައި އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެގައުމުގެ އިތުރުން ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ޖަރުމަނު ވިލާތަށާއި އިނގިރޭސި ވިލާތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.