ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

Author
ޢަލީ އާދަމް
15 ފެބްރުއަރީ 2021 06:04
0

މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ގއ.މާމެންދޫގައި ހިނގި މާރާމާރީގައި މަރުވި އެރަށު ލީލީ އޮފް ދެވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވައިފިި އެވެ.

ފުލުހުން ބުނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ކަމަށެވެ.

އުދައްޔުގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 5 މީހެކެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 2 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާއިރު، އަނެއް މީހާގެ ބަންދަށް ޖަހާދީފައިވަނީ 2 ދުވަސްކަމަށެވެ. އެއީ މިމައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. އޭގެ ފަހުންވެސް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ.

މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ. ޢުމުރުން 17 އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގުރަހަ
މިކޮމެންޓް ޖަހާބަލަ. މަރުވީ މާރާމާރީގަ. ހުރިހާ މައުލޫމާތެއް މިހިރީ ނޫސްތަކުގަވެސް. މަރުގެ ހަގީގަތް ތިއޮތީ ފެންނަން. ދެން ކޮން ޕޯސްޓްމޯޓަމް އެއް؟؟ ކޮބާ ބޭނުމަކީ؟؟ ހިފާ ހައްޔަރުކުރިބަޔަކު ހައްޔަރުކުރީމަ އެމީހުން ކަންކުރިގޮތް ކިޔައިދޭނެނު؟؟ ރައްޔިތުން ފެލައިގެން ރައްޔިތުންގެ ޖީބު ހުސްކޮށްގެން އަރާތިބެ މިކަހަލަ ބޭކާރު ކަންތައްތައް މުޅިންވެސް ކުރަނީ. މައްޔިތާގެ ހަށިގަނޑަށް މިމީހުން ހަދާނެއެއްޗެއް ހަދަންވީ. އެއްޗެކޭ ކިޔާފަ ގެރިމޯދީ އަށް ލާރިގަނޑެއް ދޭންވެގެން.