ފުއްގިރި މައްސަލައިން ރައިސް ޔާމިން ބަރީއަވާނެ ލިއުންތަކެއް ދައުލަތުން ވަނީ ހިފަހައްޓާފަ: ވަކީލުން

ފުއްގިރި މައްސަލައިން ރައިސް ޔާމިން ބަރީއަވާނެ ލިއުންތަކެއް ދައުލަތުން ވަނީ ހިފަހައްޓާފަ: ވަކީލުން

Author
ޢަލީ އާދަމް
14 ފެބްރުއަރީ 2021 03:59
0

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވާނެ ލިޔުންތައް ދައުލަތުން ނުދީ ހިފަހައްޓާފައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ޔާމީނަށް ނުލިބޭނެކަމަށް ގަބޫލުކުރެވޭ އެއް ކަމަކީ ދައުލަތުން ކޮށްފައިވާ ދައުވާތަކުން ބަރީއަވުމަށްޓަކައި ބޭނުންވާ ލިޔުންތައް ދައުލަތުން ނުދޭ މައްސަލަ ކަމަށެވެ. އެ ނުކުތާ މީގެ ކުރިން ޝަރީއަތުގައި ވެސް ފާހަގަކުރައްވާފައި ވާނެކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ދައުލަތުން ހިފަހައްޓާފައިވާ ލިޔެކިޔުންތަކުގެތެރޭގައި، ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގެ މުޅި ތުހުމަތުން ބަރީއަވާނެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހިމެނޭ ކަމަށެވެ. ނަމަވެސް އެ ލިޔުންތައް ނުލިބޭތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އުޅެނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގު ރިޕޯޓާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީއާ ދެމެދު ހިނގާފައި ހުރި ލިޔެކިޔުންތަކުގެ ތެރޭގައި ރައީސް ކުށުން ބަރީއަވާނެ ގޮތަށް ހުރި އެއްވެސް ލިޔެކިޔުމެއް ނުލިބިގެން" – ޖަމީލް

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމިން ކުށުން ބަރީއަވުމަށް ބޭނުންވަނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގާ ގުޅޭ 700 ސަފުހާގެ ރިޕޯޓް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބަޔާންތަކުން ޔާމީން އެއްވެސް ކުށެއް ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އޭސީސީ ތަހުގީގުގައި ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނެތް. އޭރުގައި ނުކުރާ ތުހުމަތުތަކެއް ކުއްލިއަކަށް މަންފާތަކެއް ލިބިގެން ވާހަކަތައް ބަދަލުވެފަ މިއޮތީ،" – ޝަމީމް

ބައެއް ލިޔުންތައް ނުލިބޭ ކަމަށް ބުނާތީ، މައްސަލަ ކުރިއަށް ދާއިރު ހާމަކުރަންޖެހޭ ލިޔުންތައް ހާމަކުރަން އަންގަވާނެ ކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވެފައިވެ އެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.