މާލެ އަތޮޅު ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ހެދި އެއްބަސްވުމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވައިފިއެވެ.
ޖިހާދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ. މި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލްކޯޓުގައި ފެށުމުން ޖިހާދު ވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ.
ޖިހާދު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ހެކި ހުށައެޅިއެވެ. އޭގެތެރޭގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި، މި މައްސަލާފައި ޖިހާދު ދެއްވި ބަޔާނާއި، ވަޒީރުން މަޖލީހުގެ ބައެއް ލިޔުންތަކާއި، އެނޫންވެސް ބައެއް ހެކިން ހިމެނެއެވެ. ދައުލަތުން ހެކިން ހުށައެޅުމުން ދިފާއީގައި ހެކި ހުށައެޅުމަށް ޖިހާދަށް ދެއްވި ފުރުސަތުގައި ދިފާޢީ ވަކީލުން އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދެއްވުމަށެވެ. އެހެންކަމުން ދިފާއީ ހެކިން ހުށައެޅުމަށް 3 ދުވަހު މުއްދަތަށް ޖިހާދަށް ވަނީ ދެއްވާފައެވެ. އަދި ޝަރީއަތުގެ ކުރިން ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށައެޅުމަށް 14 ދުވަހު މުއްދަތެއްވެސް ކޯޓުން ވަނީ ދީފައެވެ.
ޖިހާދު ދައުވާއަށް އިންކާރު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އެ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލް ހަސަން ފަލާހް ވަނީ ޖިހާދަށް ދިމާވެފައިވާ ސިއްހީ ގިނަ މައްސަލަތައް ފާހަގަކުރައްވައިފައެވެ.
މިގޮތުން އިމްސޮމްނިއާ އާއި ހަކުރު ބަލި އާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ހަސަން ފަލާހް ފާހަގަކުރެއްވިއެވެ. އޭނާގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި، އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުން ވަނީ، ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް އިއުތިރާޒު ކޮށްފަ އެވެ. ދައުލަތުން އިއުތިރާޒު ކުރާ ސަބަބު އޮޅުންފިލުވަން ގާޒީ ސަމީރު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.
ދައުލަތުގެ ވަކީލު ބުނީ، ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އަދި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު އޭނާ ފުރައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ ކަަމަށް ބުންޏެވެ.
ޖިހާދަށް ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެއެވެ.
ކޮމެންޓު ފޮނުވާ