ރިޟްވާން ގެ ކައިރިން ފެނުނު ވަޅި ވެފައިވަނީ މުހިންމު ހެއްކަކަށް: މަރު ކޮމިޝަން

ރިޟްވާން ގެ ކައިރިން ފެނުނު ވަޅި ވެފައިވަނީ މުހިންމު ހެއްކަކަށް: މަރު ކޮމިޝަން

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 02:06
0

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅި، އެމައްސަލައިގެ މުހިންމު ހެއްކަކަށްވެފައިވާކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާމީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.

ރިޞްވާންގެ މަރުގެ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންގެ މެންބަރު މިސްބާޙް ޢައްބާސް ވިދާޅުވީ، އެވަޅިން ފޮރެންސިގް ތަޙްޤީޤްތަކެއް މީގެ ކުރިން ފުލުހުންވެސް ހަދާފައިވާކަމަށާއި، ރާއްޖޭން ބޭރަށް އެވަޅި ފޮނުވައިގެން ތަހުލީލު ކުރަމުން އަންނަ ކަމަށްވެސް މިސްބާޙް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާ ނުކުރައްވައެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކުރުމަށް ރިޔާސީ ކޮމިޝަނުން ވަނީ އެދިފައެވެ. ވަޅީގެ ފޮޓޯއާއެކު މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޢާންމުކުރެއްވި ބަޔާނުގައި ވަނީ އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ.ޝައިނިންގ ސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްކަމަށެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް އެކޮމިޝަނުން ބުންޏެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ހާމަކުރައްވަފައިވެއެވެ.

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.