އިންޑިއާގެ އެހީގައި ދިވެހި ސިފައިނާއި، އެމީހުންގެ ޢާއިލާތަކަށް ވެކްސިންދެނީ

އިންޑިއާގެ އެހީގައި ދިވެހި ސިފައިނާއި، އެމީހުންގެ ޢާއިލާތަކަށް ވެކްސިންދެނީ

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 10:21
0

ދިވެހި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ކޯވިޑް ވެކްސިން އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެޤައުމު ޑިފެންސް މިނިސްޓަރ ދެއްވާފައިވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދިދީ ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރިއްޔާގެ ހަފްތާ މަޖައްލާއަށް މިނިސްޓަރ މާރިޔާ ލިޔުއްވާފައިވާ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ އަސްކަރިއްޔާ ތަރައްޤީ ކުރުމަށް އަސްކަރީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާއެކު ބާއްވާ ގުޅުންތައް އިތުރަށް ބަދަހިވެފައިވާކަމަށެވެ. ޤައުމުތަކާއެކު ގުޅުން ބަދަހިވުމުން ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް މުޅިން އާ ތަޖުރިބާތަކެއް ދަނީ ފަހިވަމުންކަމަށާއި، އެގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށާއި، އަސްކަރީ ބޮޑެތި ޤައުމުތަކުން ދިވެހި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައުމުތަކާއެކު ގުޅުން ބަދެހިކުރުމުން ހަމަ ޔަގީނުން ވެސް ދިވެހި ސިފައިނަށް ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގިނަ ގުނަ ފަސޭހަތަކެއް ލިބޭނެއެވެ. ދިވެހިންގެ މަސް ކަނޑުތަކަށް ވަގަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓުތައް އަތުލައި ގަނެ، ދިވެހި މަސް ކަނޑުތައް ހިމާޔަތް ކޮށް، ޓެރަރިސްޓު ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްފުޅާކޮށް ގިނަ ހޯދުންތައް ހޯދުމަށް ވެސް ކުރިއެރުންތައް ލިބޭނެއެވެ. ހަމަ އެހެންމެ، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ވަގުތު ތަކުގައި އާތަޖުރިބާ އާއި އެކިއެކި ކުރިއެރުންތައް ދިވެހި ސިފައިނަށް ލިބިގެން ދިއުމަކީ ގައުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.

– ޑިފެންސް މިނިސްޓަރ މާރިޔާ ލިޔުއްވާފައިވެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ދާދި ފަހުން އިންޑިއާއަށް އެކަމަނާ ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގު އާއިބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އަވަސް މުސްތަޤްބަލެއްގައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ކޮވިޑް ވެކްސިން ޖަހައިދޭނެ ކަމުގެ ޔަޤީކަން ދެއްވާފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ޢަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމީ ދިފާޢީ ބާރާމެދު ގެންގުޅުއްވާ ދުރުވިސްނުމާއި ވަރުގަދަ ތަޞައްވުރު ޙަޤީޤަތަކަށް ހެދުންކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ވީހާވެސް ބޮޑަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ދިވެހި އަސްކަރިޔާއިން ފެންނަމުންދާކަން ރައްޔިތުން ބަލައި ގަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ރާއްޖޭގެ ސިފައިންނާއި، އެމީހުންގެ ޢާއިލާތަކަށް ކޯވިޑް ވެކްސިން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، ރާއްޖޭގައި މިހާރު ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން ސިފައިންނަށް އަންނަނީ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.