ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ މައްސަލަ ހައްލުކުރުމަށް ޝާހިދު ބަންގްލަދޭޝްއަށް

ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ މައްސަލަ ހައްލުކުރުމަށް ޝާހިދު ބަންގްލަދޭޝްއަށް

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 01:42
0

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގެންފިއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެޤައުމުގެ ފޮރިން މިނިސްޓަރ މޮމެންއާއިއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއކަމަށް ފޮރިންމިނިސްތްރީން ބުންޏެވެ.

ބަންގްލަދޭޝްއަށް ފުރައި ވަޑައިގަތުމުގެކރިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށެވެ.އެއީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލައަށް ހައްލެ ގެނައުމަށް ހިއުމަން ރިސޯސް ޕްލޭސްމަންޓް އެއްބަސްވުމަކާއި، ދެ ޤައުމުގެ ފޮރިން ސާރވިސް އެކަޑަމީގެ އެއްބަސްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝަހިދު ވިދާޅުވީ، ބަންގްލަދޭޝްއަކީ ރާއްޖެއައި ޚާއްޞަ ގުޅުމެއް އޮތް ޤައުމެއްކަމަށާއި، އެޤައުމުގެ ވަރަށް ގިނައަދަދެއްގެ މީހުން ރާއްޖޭގައި އުޅޭކަމށެވެ. އެޤައުމުގެ ރައްޔިތުން ރާއްޖޭގެ ތަރައްޤީއަށް ކޮށްދޭ ކަންކަމަކީދިވެހިން އަގުވަޒަންކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ މުހިންމުކަމަކަށް އޮންނާނީ ބޮޑު ވަޒީރު ޝައިޚް ހަސިނާގެ ފައިންޕުޅު ދުށުން. އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވެދުމާއި ހެޔޮދުޢާ ހިފައިން އަޅުގަނޑު މިދަނީ.

– މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.