ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޙާބު ބޭއްވުމަށްޓަކައި ގިނަ ހުރަސްތަކެއް ހުރިކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު ބޭއްވޭނެ ގޮތަކާއިމެދު ގޮތެއް ނިންމަވާނީ އިލެކްޝަނުން ކަމަށެވެ. ނަމަވެސް މިހާރު އޮތް ގައިޑްލައިންގެ ތެރެއިން ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމަށާއި، އެނޫންވެސް ގިނަ ކަންތައްތަކަށް ހުރަސް އެޅޭކަމަށް ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ގައިޑްލައިންގެ ތެރެއިން ސަރުކާރު ހިންގާ އެމްޑީޕީއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލު ކުރައްވާކަަމަށެވެ. ސަބަބަކީ އެމްޑީޕީއަކީ ސަރުކާގެ މައިޕާޓީއަށްވެފައިވާ ރަށް ރަށުގައި ބާއްވާ ސަރުކާރުގެ ހަފްލާތަކުގައިވެސް ސިޔާސީ ކަންކަން ކުރިއަށް ދިއުމުން އެފުރުސަތު ހަމަހަމަ ކަމާއިއެކު އެހެން ޕާޓީތަކަށް ލިބިގެން ނުދާކަމަށެވެ. ނިޔާޒުވަނީ އިލެކްޝަނުން އިންތިޚާބާއިމެދު އަވަހަށް ގޮތެއް ނިންމައި އިންތިޚާބާއިމެދު ރައްޔިތުން ފޫހިވެ، މާޔޫސްވާ ހިސާބަށް ދިއުމުގެ ޖާގަ ނުދެއްވުމަށް ގޮވާލާފައެވެ.
އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު މިހާރު އޮތް ތާރީހުގައި ބޭއްވުމަށް އެކުލަވާލާފައވާ ގައިޑްލައިންގައި ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބުމުގެ އިތުރުން ބަޖެޓް އިތުރުވުމަކީވެސް ކަންބޮޑުވާކަމެއްކަމަށެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ އެމްޑީޕީން ފާޅުކުރި ކަންބޮޑުވުންތައް ޕީޕީއެމްގައިވެސް އެބަހުރިކަމަށެވެ.
އިންތިޚާބު ބޭއްވޭނެކަމަށް ގަބޫލު ކުރަނީ މިހާރު އޮތް ގައިޑްލައިނަށް ބަދަލު ގެނެެސްގެންކަމަށާއި، މިހާރު އޮތް ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ތޮލާލަށް ވިދާޅުވިއެވެ. މިބައްދަލުވުމުގައި އިލެކްޝަނުން ގައިޑްލައިން ގޯސްކަމަށް ވިދާޅުވެ އިންތިޚާބު އަވަސް ކުރުމަށް އެއްވެސް ބަޔަކު އެދުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އިންތިޚާބާ މިހާރު އޮތްގޮތަށް ކުރިއަށް ދިއުމާއިމެދު ގޮތެއް ނިންމާނެކަމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ