2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖެހުމުގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ "ބިސްމިﷲ" ކިޔާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަހުސްކުރަން ފަށައިފިއެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕެނަލްޓީ ޖެހުމަށް ތައްޔާރުވަމުންދިޔައިރު ރޮނާލްޑޯގެ ތުންފަތަށް އައި ހަރަކާތުން ގިނަ ބަޔަކަށް ފާހަގަވީ އޭނާ ދެ ފަހަރަށް "ބިސްމިﷲ" ކިޔާފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކުޅިވަރު ނޫސްވެރިން ބުނާ ގޮތުގައި އޭނާ ކިޔާފައިވަނީ ޕޯޗުގީޒު ބަހުން ހިތްވަރު ލިބިގަތުމަށް ބޭނުންކުރާ ލަފްޒެއް ކަމަށްވާ "ވަމޮސް ލާ" އެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އަކީ އާންމުކޮށްވެސް އަރަބި ބަސްތައް ބޭނުންކޮށް، އިސްލާމީ މުނާސަބަތުތަކުގައި ބައިވެރިވަމުން އަންނަ ކުޅުންތެރިއަކަށް ވުމުން، ގިނަ ބަޔަކު އިއްތިފާގުވަނީ އޭނާ ކިޔާފައިވަނީ "ބިސްމިﷲ" ކަމަށެވެ.
މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީއާއެކު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯގެ މި ލަނޑުން ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ގޮންސާލޯ ރާމޯސް ޖަހައިދިން ލަނޑާއެކު ޕޯޗުގަލް ވަނީ 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. ކްރޮއޭޝިއާއިން ވެސް ފަހުކޮޅު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފައެވެ.
މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވޭއިރު، މި މެޗުގައި އޭނާ ބޭނުންކޮށްފައިވަނީ 21 ނަމްބަރު ޖާޒީއެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ނިޔާވި އޭނާގެ ޓީމްމޭޓް ދިއޯގޯ ޖޮޓާގެ ހަނދާނުގައެވެ. މެޗުން މޮޅުވުމާއެކު ރޮނާލްޑޯ އަދި ޕޯޗުގަލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށް، ޖޮޓާގެ ހަނދާނުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ