މަސްތުވާތަކެތީގެ ވަބާ ނައްތާލުމަކީ ފުލުހުންގެ އެންމެ އިސް އަމާޒަށް ހަދަން ޖެހޭ: އިޙްސާން

މަސްތުވާތަކެތީގެ ވަބާ ނައްތާލުމަކީ ފުލުހުންގެ އެންމެ އިސް އަމާޒަށް ހަދަން ޖެހޭ: އިޙްސާން

Author
އަހުމަދު
03 ޖުލައި 2026 10:10
0

ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ މުލުން ލުހެލުމަކީ ދިވެހި ފުލުހުންގެ އެންމެ އިސް އަމާޒުކަމުގައި ކަނޑައެޅުމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރޭވިގެން ހިންގާ ބޮޑެތި ކުށްތަކަށް ފައިސާ ލިބޭ މައިގަނޑު މަސްދަރަކީ ޑްރަގުގެ ވިޔަފާރި ކަމަށެވެ. އަދި އާއިލާތައް ރޫޅި، މުޖުތަމަޢު ހަލާކުވެގެންދާ މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށްވާތީ، މިއީ ފުލުހުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކާމިޔާބުކުރަންޖެހޭނެ މިޝަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފުލުހެއްގެ އަތުގައި އޮންނާނެ އެންމެ ވަރުގަދަ ހަތިޔާރަކީ މުގުރެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަމަށެވެ. އެހެންކަމުން ކިބުރުވެރިކަމުން އެއްކިބާވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ވަޒީރު ވަނީ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ މައްސަލައެއްކަން ފާހަގަކުރައްވަމުން، ފާއިތުވި ދުވަސްތަކުގައި މިކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޑްރަގް ނެޓްވޯކްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ފުޅާކޮށް، އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެންނާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.