އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ ޑިއުޓީތަކަކުން ރާއްޖެ އިސްތިސްނާކޮށް، ބޮޑު ލުޔެއް ދީފި

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ ޑިއުޓީތަކަކުން ރާއްޖެ އިސްތިސްނާކޮށް، ބޮޑު ލުޔެއް ދީފި

Author
އަހުމަދު
03 ޖުލައި 2026 02:46
0

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުން ނަގަމުން އައި ދެ ބާވަތެއްގެ ޑިއުޓީއަކުން ރާއްޖެ އިސްތިސްނާކޮށް، ތެޔޮ އެތެރެކުރުމުގެ ހަރަދު ކުޑަވާނެ މަގު ފަހިކޮށްދީފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް މި ލުއި ދީފައިވަނީ އެގައުމުގެ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތު (ނެއިބަހުޑް ފަސްޓް ޕޮލިސީ) ގައެވެ. މިގޮތުން ރާއްޖެ މިހާރު ވަނީ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސްއޭއީޑީ) އާއި ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރްއައިސީ) ނުނަގާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައެވެ. މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު މި ލިސްޓަށް ރާއްޖެ އާއި މޮރިޝަސް އިތުރުކުރިއިރު، މީގެ ކުރިން މި ލުއި ލިބެމުން އައީ ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީލަންކާއަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާ ވަގުތުތަކުގައި ނަގާ އެސްއޭއީޑީގެ ގޮތުގައި އާންމުކޮށް ޕެޓްރޯލް ލީޓަރަކުން 4 ރުޕީސް އަދި ޑީސަލް ލީޓަރަކުން 8.5 ރުޕީސް އިންޑިއާއިން ނަގައެވެ. ނަމަވެސް މި ޑިއުޓީތަކުން ރާއްޖެ އިސްތިސްނާވުމާއެކު، އިންޑިއާއިން ރާއްޖެއަށް ތެޔޮ ގަތުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖެއަށް އިގުތިސާދީ ގޮތުން ދަތިތަކަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް މުހިންމު ލުޔެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.