ދިވެހި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުވުމުގައި 30 މިނިޓުގެ "ބަފަރ ޓައިމް" އެއް ލިބޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިއެވެ.
މި ގެނެވުނު އައު އިޞްލާޙާއެކު، ވަކި ޚާއްޞަ ހުއްދައަކާ ނުލައި މުވައްޒަފުންނަށް އެމީހުންގެ މަސައްކަތު ގަޑި އެޖަސްޓުކުރުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ. އެގޮތުން، ރަސްމީ ގަޑި ފެށޭ ވަގުތަށްވުރެ ލަހުން ހާޒިރުވާ މުވައްޒަފުން، އެ ލަސްވި ވަގުތު އޮފީސް ނިމޭ ގަޑިއަށް އިތުރުކުރަން ޖެހޭނެއެވެ. މިސާލަކަށް 15 މިނިޓު ލަހުން އޮފީހަށް އައިސްފިނަމަ، ޑިއުޓީ ނިންމާފައި ދާންވާނީ ރަސްމީ ގަޑި ނިމޭތާ 15 މިނިޓު ފަހުންނެވެ.
މި 30 މިނިޓުގެ ބަފަރ ޓައިމްގެ ތެރޭގައި އޮފީހަށް ހާޒިރުވެއްޖެނަމަ، އެ ދުވަހެއްގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެކަން އޮފީހުގެ ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ ކަނޑައެޅިފައިވާ ފަރާތަކަށް އަންގަން ޖެހޭނެއެވެ. ނަމަވެސް 30 މިނިޓަށްވުރެ ލަސްވެއްޖެނަމަ އެ މުވައްޒަފަކު ގަޑިޖެހުނީ ކަމުގައި ބެލެވޭނެއެވެ.
މި ލުއި ހުރިހާ މުވައްޒަފުންނަކަށް ނުލިބޭނެއެވެ. އެގޮތުން އޮފީސް ހުޅުވައި ލެއްޕުމާ ހަވާލުވެ ތިބޭ މުވައްޒަފުންނާއި، ޝިފްޓް ޑިއުޓީގައި އުޅޭ މީހުންނާއި، މިސްކިތްތަކުގެ މުވައްޒަފުންގެ އިތުރުން ރައްޔިތުންނަށް ސީދާ ޚިދުމަތް ދޭންޖެހޭ ފްރަންޓްލައިން މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ. މީގެ އިތުރުންވެސް، މަގާމުގެ ގޮތުން އިސްތިސްނާކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ