އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ޖަނާޒާގައި، ސަލާމަތީ ނުރައްކާތަކެއް ހުރުމުގެ ސަބަބުން އެމަނިކުފާނުގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައިނުގަންނަވާނެކަން ކަށަވަރުވެއްޖެއެވެ.
އިންޑިއާގައި ހުންނަވާ ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ކުރަމުންދާ ފާރަލުންތަކާ ހުރެ މުޖުތަބާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ފުރާނަފުޅަށް ނުރައްކާވެދާނެ ކަމެކެވެ. 36 އަހަރު ވަންދެން އީރާނުގެ އެންމެ މަތީ ލީޑަރުކަން ކުރެއްވި ޚާމަނާއީ އަވަހާރަވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ވަރުގަދަ ޙަމަލާތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
މިމަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފަށާ މި ޖަނާޒާގެ ރަސްމިއްޔާތުތައް 6 ދުވަހަށް ދެމިގެންދާނެއެވެ. އެގޮތުން ޖުލައި 7 ވަނަ ދުވަހު ގުމްގައި ޚާއްސަ ދީނީ ހަރަކާތްތަކެއް ކުރިއަށްދާއިރު، ރަސްމިއްޔާތުތައް ނިމޭނީ ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައި އެމަނިކުފާނު ފަސްދާނުލުމުންނެވެ. މި ދުވަސްތަކުގައި ޚާމަނާއީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރުމަށް އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ތާރީޚީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ދައުވަތު އަރުވާފައެވެ. ނަމަވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަކީ ނާދިރު ކަމަކަށްވާއިރު، އޭގެ ބަދަލުގައި އިންޑިއާ ސަރުކާރުގެ ފަރާތުންނާއި ކޮންގްރެސް ޕާޓީގެ ފަރާތުން އިސް މަންދޫބުންތަކެއް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ