މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ގެދޮރުވެރިކަން ހޯދުމަށް ރައްޔިތުންނާއިއެކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގައި މާލެ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ކެމްޕޭން އިފްތިތާހް ކުރީ އޭނާގެ އަމިއްލަފުޅު ގެ، މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އަމާޒަކީ މޭޔަރުކަމަށް ހޮވިވަޑައިގެން މާލެއަށް އެތައް ގޮތަކުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އަދި އެއީ ކޮންމެ ސަރުކާރުން ވެސް އެންމެ އިސްކަން ދޭން ޖެހޭ އެންމެ އަސާސީ މަސައްކަތް ކަމަށެވެ. އެކަމުގައި ވެސް އެންމެ އެދެވޭ ނަތީޖާ ނެރެ ދެއްވީ ރައީސް ޔާމީންގެ ސަރުކާރުކަން މުއިއްޒު މިއަދު ފާހަގަ ކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ވަރަށް ގިނަ އިހުސާސްތަކެއް އަދި ވަރަށް ގިނަ ވާހަކަތަކެއް އެބަ ހުރި ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ އަމާޒުތަކެއް އެބަހުރި ކަމަށާއި ބަރުދާސްތުކުރަމުންދާ އެތައް ދައްޗެއް އެބަހުރު ކަމަށެވެ.
މިފަދަ އެތައް މައްސަލައެއް މާލެ ސިޓީގައި ހުރިކަން ފާހަގަ ކުރައްވާ މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވައި ރައްޔިތުންނާއި އެއްސަފެއްގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މުއިއްޒުގެ ކެންޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްފައިވާއިރު، ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އޭޕްލް މަހުގެ 10 ވަނަ ދުވަހައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް މިހާރު އެކުލަވާލާފައިވާ ގައިޑްލައިނުގެ ތެރެއިން އިންތިޚާބު ނުބޭއްވިދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކާއި، ކަންބޮޑުވުންތައް މިހަފްތާގައި މަޖިލީހާއި ހިއްސާ ކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ