އައްޑޫގައި ކޯވިޑް ފެތުރުނީ އޭވިއޭޝަން ސެކިއުރިޓީ މުވައްޒިފުންގެ ފަރާތަކުންނޫން!

އައްޑޫގައި ކޯވިޑް ފެތުރުނީ އޭވިއޭޝަން ސެކިއުރިޓީ މުވައްޒިފުންގެ ފަރާތަކުންނޫން!

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 08:21
0

އައްޑޫސިޓީގައި ކޯވިޑް-19 ފެތުރި މުޅި ސިޓީ މޮނިޓަރިންއަށް ލާފައިވަނީ މާލެއިން އައްޑޫސިޓީއަށް ދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒިފުން ފަރާތުން ނޫންކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

އައްޑޫސިޓީ އިން 2 މީހަކު ކޯވިޑް-19 ށް ޕޮސިޓިވް ވެފައިވަނީ މާލެއިން ޚާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް، އައްޑޫ ސިޓީގެ މޭޔަރާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ގައި ޝާއިއު ކޮށްފައިވާ ޚަބަރުގައި، އެއީ އޭވިޢޭޝަން ކޮމާންޑުގެ މުވައްޒަފުންގެ ފަރާތުން ކޯވިޑް-19 ފެތުރުނު ކަމަށް ތުހުމަތު ކޮށްފައިވާތީ އެކަމުގެ މައުލޫމާތު ސާފުކޮށް ދެއްވައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގ ޔުނިޓްގެ 2 މުވައްޒަފުން، އައްޑޫސިޓީގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ އަކަށް، ގޮސްފައިވަނީ 2 ފެބްރުއަރީ 2021 ވަނަދުވަހުގައި ކަމަށެވެ.

މި ޓްރެއިނިންގ އަށް މުވައްޒަފުންގޮސްފައިވާނީ، އެޗް.ޕީ.އޭ ގެ ގައިޑްލައިންއާއި އެއްގޮތަށް ޕީ.ސީ.އާރް ޓެސްޓް ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށާއި، މި މުވައްޒަފުންގެ ފަރާތުން ބަލި ފެތުރުނުކަމަށް ތުހުމަތު ކޮށް ޚަބަރު ފަތުރާފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމުގައި އެއިދާރާއިން ބުނެފައެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޤަވާއިދުން ޓްރެއިން ކުރަންޖެހޭ ބަޔަކަށް ވީހިނދު، ކޮންމެހެން ކުރަން ޖެހޭ ޓްރެއިންގ ކުރިޔަށް ގެންދިޔުމުގައި، އެޗް.ޕީ.އޭ އިން އާއްމުކުރާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވެ، މިކޮމާންޑުގެ މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއި އެކުގައި ކަމަށްވެސް އިދާރާއިން ވަނީ ބުނެފައެވެ.

މިފަދަ ހައްސާސް މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް ރިއާޔަތްނުކޮށް، މިކޮމާންޑުގެ މުވައްޒަފުންގެ ބޮލުގައި އިލްޒާމް އަޅުވައި، އެކަމުގައި މުވައްސަސާ ބަދުނާމުކޮށް ޚަބަރުފެތުރުމަކީ ކޮމާންޑުން ބަލައިގަންނާނެ ކަންކަން ނޫން ކަމުގައި އޭވިއޭޝަން ކޮމާންޑުގެ ފަރާތުން ވަނީ ބުނެފައެވެ. މިފަދަ ކަންކަމުގައި، ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ޙަވާލާދީ ޚަބަރު ޝާއިއު ކުރާ އިރު އެއިދާރާގެ ބަހެއް ނުހޯދާ މި ޚަބަރު ޝާއިއުކޮއްފައިވާތީ ހިތާމަކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އައްޑޫގައި ކަރަންޓީނުގައި ނެތް ދެމީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މުޅި ސިޓީ މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ. އަދި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް އައްޑޫ ސިޓީ ކައުންސިލުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.