މިއަހަރުގެ މިހާތަނަށް 102،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެރިން ވަނީ 102،107 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ. މީގެތެރޭގައި މި ފެބުރުވަރީ މަހުގެ ފުރަތަމަ 4 ދުވަހުގެތެރޭ ރާއްޖެއައި 10،004 ފަތުރުވެރިންވެސް ހިމެނެއެވެ.
ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރުމިހާތަނަށް ރާއްޖެ އައި ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47.3 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 193،697 ފަތުރުވެރިން އައިސްފައިވެ އެވެ.

ކޯވިޑް 19ގެ ފަހުން އާންމުކޮށް، އެންމެ ގިނައިން ރާއްޖެއަންނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކުގެތެރެއިން އަދިވެސް އެއް ވަނާގައި އޮތީ ރަޝިއާއެވެ. އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް އެގައުމަށް ނިސްބަތްވާ 22،365 ފަތުރުވެރިން ވަނީ އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނަ އިން ރާއްޖެއަށް އަންނަނީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެ ގައުމުން ބުދަދުވަހުގެ ނިޔަލަށް 20،933 ފަތުރުވެރިން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނައީ ޔޫކްރައިނަށް ނިސްބަތްވާ ފަތުރުވެރިން ނެވެ. އެ ގައުމުން ބުދަދުވަހުގެ ނިޔަލަށް 7،709 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ނިސްބަތްވާ މާކެޓްތަކުގެ ތެރެއިން މި ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުމެއް ހޯދަނީ ޔޫކްރައިން މާކެޓުންނެވެ. އެގޮތުން އަހަރުގެ ފެބްރުވަރީ 3 ވަނަ ދުވަހާ ހަމައަށް ރާއްޖެއައި ޔޫކްރައިނަށް ނިސްބަތްވާ ފަތުރުވެރިންގެ އިންސައްތަ އުޅެނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 197.3 އިންސައްތަ މަތީގައެވެ.
މި އަހަރުގެ ފެބުރުވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް 7،709 ފަތުރުވެރިން ޔޫކްރައިނުން އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ އެގައުމަށް ނިސްބަތްވާ 2،593 ފަތުރުވެރިންނެވެ. ދެން އެންމެބޮޑު ކުރިއެރުމެއް ފެންނަ ކަޒަކިސްތާން މާކެޓުން 172.7 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 624 ޓޫރިސްޓު ފެސިލިޓީއެއްގެ 43،656 އެނދު ފަތުރުވެރިންނަށް ހިދުމަތްދޭން މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މީގެ ތެރޭގައި ހިމެނެނީ 145 ރިސޯޓާއި 333 ގެސްޓްހައުސްއާއި 135 ސަފާރީ އުޅަނދުގެ އިތުރުން 11 ޓޫރިސްޓް ހޮޓަލެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ 555،399 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒެވެ.
ކޮމެންޓު ފޮނުވާ