65 އަހަރުން މަތީގެ މީހުންނަށް މިއަދުވެސް ވެކްސިން ޖަހައިދޭނެ

65 އަހަރުން މަތީގެ މީހުންނަށް މިއަދުވެސް ވެކްސިން ޖަހައިދޭނެ

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2021 10:31
0

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޯވިޑް ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު މިއަދުވެސް ހަމަޖެހިފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ނުވެ ތިބި 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން އިއްޔެ ފަށާފައި ވާއިރު މިއަދު ވެސް މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ. ވެކްސިން ޖަހަން ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދަން ޖެހޭނެ އެވެ. ވެކްސިން ޖަހައިދޭނީ ހުޅުމާލޭގައި ހުންނަ ފްލޫ ކްލިނިކާއި މާލޭގައި ސޯޝަލް ސެންޓަރުންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 3،204 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 2،786 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 418 މީހެކެވެ. މިއަދު އެކަނިވެސް 1،626 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 1،477 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 149 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.