ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ޕްރޮޖެކްޓުތައް އަވަހަށް ފެއްޓުން މުހިންމު: ޓްރޭޑް ޔޫނިއަން

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ޕްރޮޖެކްޓުތައް އަވަހަށް ފެއްޓުން މުހިންމު: ޓްރޭޑް ޔޫނިއަން

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 02:57
0

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ޕްރޮޖެކްޓުތައް ވީހާވެސް އަވަހަކަށް ފެއްޓުން މުހިންމު ކަމެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަނުނުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރައްވަން ރާވާފައިވާ މުހިންމު ބޮޑެތި މަޝްރޫޢުތަކަށް ޓްރޭޑް ޔޫނިއަނުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މި ޕްރޮޖެކްޓްތައް އަވަހަށް ފެށުމަކީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައި ގަތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެޔޫނިއަނުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައިވާ އިޤްތިސާދީ މުހިންމު ޕްރޮޖެކްޓް ތަކަކީ ކޯވިޑް-19ގެ ސަަބަބުން ވަޅު ޖެހިފައިވާ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓް ތަކެއް ކަމުގައި މި ޔޫނިއަނުން ދެކެން.

– ޓްރޭޓް ޔޫނިއަނުން ބުނެފައިވެއެވެ.

ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖާއި، ހައުސިން މަޝްރޫޢުތަކާއި، މަރުކަޒީ ބަނދަރާއި، އަލަށް އަޅާ އެއާޕޯޓްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ފަދަ އިންތިޒާމުތަކެއް ހަމަ ޖެއްސުމަށް ޓްރޭޑް ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

މިގޮތުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢު، 5000 ހައުސިން ޔުނިޓްގެ މަޝްރޫޢު، މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅުފެ ބަދަލު ކުރުމުގެ މަޝްރޫއު އަދި އަލަށް އަޅާ 5 އެއާޕޯޓުގެ މަޝްރޫއުފަދަ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކަކީ އިޤްތިޞާދީ ކުރި އެރުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މަޝްރޫޢުތަކެއް ކަމުގައިވެސް މި ޔޫނިއަނުން ދެކެނެ. ފުރިހަމައަށް ތަރުތީބު ކުރެވިގެން ހިނގާ އިޤްތިޞާދުގައި، ޝެޑިއުލްއާއި އެއްގޮތަށް އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ދިއުމަކީ މުހިންމު ކަމެއް.

– ޓްރޭޓް ޔޫނިއަނުން ބުނެފައިވެއެވެ.

ޓްރޭޓް ޔޫނިއަނުން ވަނީ އިޤްތިޞާދީ މި ނާޒު ވަގުތުގައި ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަތާއި އަތް ގުޅާލައި އެކުވެރިކަމާއިއެކު މަސައްކަތް ކުރުމަށް ހުރިހާ ވިޔަފާރި ވެރިންނަށް ގޮވާލާފައެވެ. އަދި މިވަގުތު އެންމެންގެ އެއްބާރުލުމާއިއެކު މިމަސައްކަތްތައް އަވަހަށް ފެއްޓިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދު ކޮޅައްޖެހޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ޓްރޭޑް ޔޫނިއަނުން ބުނެފައިވެއެވެ.

އެހެންކަމުން މި މަސައްކަތް އަވަހަށް ބާރަށް ކުރިއަށް ގެންދިއުމަށް މި ޔޫނިއަނުން ސަރުކާރަށް ގޮވާލަން. މި ނާޒުކު ދަނޑިވަޅުގައި، ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ހުރިހާ ވިޔަފާރިވެރިން ގުޅިގެން އަތުގުޅާލުމަށްވެސް މި ފުރުސަތުގައި މި ޔޫނިއަނުން ގޮވާލަން.

– ޓްރޭޓް ޔޫނިއަނުން ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމާއިއެކު ދިވެހި ވިޔަފާރި ވެރިންނަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. މަސައްކަތްތައް މަދުވެ، ވިޔަރިތަކަށް ވަންނަ ފައިސާމަދުވެ، އެތެރޭގައި ދައުރުވާ ފައިސާ މަދުވެ ބޭރު ފައިސާގެ އަގުވެސް ވަނީ ބޮޑުވެފައެވެ. މިއާއިއެކު ތަކެތީގެ އަގުފުލި އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.