ރައީސްގެ ބަޔާނުން އުންމީދު އާވެއްޖެ: ޝައިޚު ޒައިދު

ރައީސްގެ ބަޔާނުން އުންމީދު އާވެއްޖެ: ޝައިޚު ޒައިދު

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 01:34
0

ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާއި މުޚާތަބުކުރައްވައި މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުން އުންމީދު އާވެފައިވާކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދުގެ އެންމެބޮޑު ސަމާލުކަމެއް މިއަދުގެ ބަޔާނުން ހުއްޓުނީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ވާނީ ސޮއިކޮށްފައި ވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށޭނެކަމަށެވެ. ޝައިޚު ޒައިދު ވިދާޅުވީ ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ރައީސްގެ ވާހަފުޅުން ލިބުނު އުންމީދާއިއެކު އެކަމުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށި ބޯހިޔާވަހިކަން ކަށަވަރު ވެގެން ދިއުމަކީ ރައްޔިތުންގެ އުންމީދުކަމަށެވެ. އަދި އެކަން ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން ކުރަންޖެހޭ މަަސއްކަތް ކުރުމަކީވެސް މުހިންމު ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުން އުންމީދު އާވެއްޖެ! އަމަލީ ގޮތުން އެވާހަކަފުޅު ތަކުގައި ކުލަ ޖެހުމަކީ ރައްޔިތުންގެ އެންމެބޮޑު އުންމީދު! އިޖުތިމާއީ ގޮތުން މާލެ ސަރަހައްދަށް ބޯހިޔާވަހިކަން ވަރަށް ބޭނުން! އަދި އެ ލިބޭ ހިޔާ ވެއްސެއްގައި އެބަޔަކު އުޅޭކަންވެސް ސަރުކާރުން ކަށަވަރު ކުރެވެން ވާނެ! ނޫނީ ހައްލެއް ނުވާނެ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާއިރު، ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަސައްކަތާއި ގުޅޭ އެއްވެސް ވާހަކައެއް މިއަދުގެ ބަޔާނުގައި ރައީސް ފާހަގަ ނުކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ނަމަވެސް ރައީސް ވަނީ އިތުރު މަޝްރޫޢުތަކެއް ފައްޓަވާނެކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.