ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާއަށްފަހު މަޖިލީހުގެ އާއިމާރާތުގައި ޤާއިމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަރުޝީފާއި ލައިބްރަރީގައި ގާތްގަނޑަކަށް 6688 ލިޔުން ހިމެނޭކަމަށެވެ. އަދި އެތަނުގައި 1529 ވީޑިއޯއާއި 2133 ފޮތާއި، 2214 ފައިލް އަދި 10 ހާހަށްވުރެ ގިނަ ފޮޓޯ ހިމެނޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި މުހިންމު މައުލޫމާތު ހިމެނިފައިވާ މި ލިޔުންތަކާއި ފޮޓޯތަކަކަކީ މަޖިލީހުގެ ވަރަށް ގިނަ ކަންކަން ކުރިޔަށް ދިޔަ ގޮތް ދައްކުވައިދޭ ތަކެއްޗެވެ. ރާއްޖޭގެ ތާރީހާއި ގުޅޭ މިފަދަ މުހިންމު ލިޔުންތަކެއް ރައްކާތެރިކުރުމަށް ޑިޖިޓަލައިޒްކޮށް ހުޅުވުނު މި ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ހުޅުވައި ދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ މެންބަރުންނަށް ޚާއްޞަކުރެވިފައިވާ އޮފީސްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައްލަވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ