ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ނިޒާމަކުން ގުޅައިލުމަށްޓަކައި މިއަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައީސް ޞާލިހު ޤައުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރައްތައް ގުޅާލުން ކަމަށެވެ. މިމަސައްކަތުގެ ދަށުން ތަރައްޤީކުރި ހއ.ހޯރަފުށި އެއަރޕޯޓު މިދިޔައަހަރު ހުޅުވައި މިހާރު އަންނަނީ ޚިދުމަތްތައް ދެމުން ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރައްވާ ކަމަށާއި، އޭގެތެރެއިން މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ.ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި. މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ހެދުމަށް ޤަޞްދުކުރައްވަން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަތުރުވެރިންނާއި މުދާ އުފުލާ ފެރި ނިޒާމުން މުޅި ރާއްޖެ ގުޅުވައިދޭ، ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތް ޤަޞްދުކުރީ މިދިޔަ އަހަރުގެ ތެރޭގައި ފަށުމަށް ކަމަށެވެ. ނަމަވެސް، ކޯވިޑްގެ ސަބަބުން އެކަން ހުއްޓިފައި އޮތުމަށްފަހު، މިދިޔަ މަހުގެ 17 ވަނަ ދުވަހު އެމަސައްކަތް ވާނީ އެމް.ޓީސީސީއާ ހަވާލުކުރެވިފައިމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ދަތުރު ފަތުރުން ގުޅާލުމާއި، ފަސޭހަ ކަމާއިއެކު ވައިގެ ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަ ޖެއްސުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.
ކޮމެންޓު ފޮނުވާ