ފުުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް މިއަހަރުގެތެރޭގައި ޢައްޔަންކުރުމަށް ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަަރަށް މަޖިލިސް ހުޅުވުމަށާއި، މިއަހަރަށް ޤައުމުގެ ހާލަތު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ އިއްވި ބަޔާނުގައި ވަނީ ޚާރިޖީ ދާއިރާއިންވެސް ކުރައްވަމުންދާ މުހިންމު މަސައްކަތްތަކަށް އަލި އަޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުންކަމަށެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރި ކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައިއޮތް ގުޅުންތައް އަލުން ޢިއާދަކޮށް ބަދަހިކޮށް އާލާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑް-19 ގެ ދަތިކަމުގައިވެސް، ރަޙުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުންމިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެގޮތުން އިތުރު ޤައުމުތަކަށް ނޮން ރެސިޑެންސް ސަފީރުން ކަނޑައެޅުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް މިއަހަރުގެތެރޭގައި ޢައްޔަންކުރުމަށް ގަސްތުކުރާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖެއިން ފަލަސްތީނަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ