ރިޔާސީ ބަޔާން 2021: ކޯވިޑަށް މިދިޔަ އަހަރު 28.5 ބިލިއަން ޚަރަދުކުރި

ރިޔާސީ ބަޔާން 2021: ކޯވިޑަށް މިދިޔަ އަހަރު 28.5 ބިލިއަން ޚަރަދުކުރި

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 09:23
0

ކޯވިޑް-19 އާއި ގުޅިގެން ކުރަންޖެހުނު ހޭދައަކީ ބޮޑު ހޭދައެއް ކަމަށާއި، ނަމަވެސް ކޯވިޑުން ރައްކާތެރިވުމަށް ކުރަންޖެހުނު ކޮންމެ ޚަރަދެއް ސަރުކާރުން ކުރައްވަފައިވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ކޯވިޑް-19 ގެ ބަނަ ވިލާގަނޑު ރާއްޖެއަށް ހިޔަނި އަޅާނެކަމުގެ ބިރު އުފެދުމާއެކު، މިދިޔަ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް ބޭނުންކުރީ، މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ. އެކަމަށްޓަކައި އެޅި ފިޔަވަޅުތަކަކީ، އޭގެ ނަތީޖާ އެނގި ތިބެ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ވެރިރަށް ފުރަބަންދުކުރުމަކީ، ފަސޭހަ ނިންމުމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރަށް މަޖިލީހުން، ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 37.9 ބިލިއަން ރުފިޔާކަމަށެވެ. ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުމާ ގުޅިގެން ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި ޚަރަދު ކުޑަކުރުމަށް ވަރަށްބޮޑަށް އިސްކަން ދީފައިވާނެކަމަށާއި، އެހެންކަމުން ކޯވިޑް ޚަރަދުތަކާއެކު މިދިޔަ އަހަރު ނިމުނުއިރު، ހިނގި ޖުމުލަ ޚަރަދަކީ 28.5 ބިލިއަން ރުފިޔާއަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޚީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ކުރެވުނު މަސައްކަތް: 

ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، 362 ޞިއްޙީ ޚިދުމަތްތެރިން ތަމްރީންކުރެވުނު ކަމަށް ރައީސްވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އަދި ދުވާލަކު 5600 އަށްވުރެ ގިނަ ކޯވިޑް ޓެސްޓް ހެދުމުގެ ޤާބިލުކަން ރާއްޖޭގައި މިހާރު އެބަހުރިކަމަށާއި، އެހެންކަމުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ފުރަބަންދުގެ ހިފެހެއްޓުންތަކަށް ލިއުތަކެއް ދީ، ރާއްޖޭގެ ބޯޑަރު ހުޅުވާލައި މިހާރު މިވަނީ ފަތުރުވެރިންނަށް އަލުން މަރުޙަބާ ކިޔަން ފަށާފައިކަމަށެވެ.

އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވުނު ހޭދަ:

ކަރަންޓާއި ބިލުތަކުން 117 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ކަނޑައިލަދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައުސިންގ ލޯންތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސް ފަސްކޮށްދެއްވާފައިވާނެކަމަށާއި، އަދި ކޯވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދިފައިވާނެކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން  މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް 17147 މީހަކަށް، 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިފައިވާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ނިންމައި އެކަމަށްޓަކައި މިއަހަރުގެ ބަޖެޓްގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް 19 ގައި ދިމާވި ގޮންޖެހުންތަކުން އަރައި ގަތުމަށް ތިން މަސްދުވަހަށް ފަހު ބޯޑަރު  ހުޅުވައިލެވުނީ، ކޯވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރުހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތުންކަން، އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.