އިއްޔެ މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރަ ކަވަރުކުރި ބައެއްނޫސްވެރިންނަށް ލިބިފައިވާ އަނިޔާތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް މި މުޒާހަރާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.
މިޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 29 ޖަނަވަރީ 2021 ވަނަ ދުވަހު "އިންސާފު ކޮބާ؟" ނަމުގައި ކުރިއަށްދިޔަ މުޒާހަރާއެއް ކަވަރުކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސްއަޅާފައިވާކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ޝަކުވާ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން، ޗެނަލް 13 ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު ސަމާޙު، ޗެނަލް 13 ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ (ބްރޯޑްކާސްޓިންގ) އަދި ޗެނަލް 13 ގެ ނިއުސް ހެޑް، މަރިޔަމް އިސާދާ އިސްމާއީލް އަށް އަނިޔާވެފައިވާކަމުގެ ކަމުގެ މައުލޫމާތު ލިބިފައިވާތީ، މި ކައުންސިލުން އެކަން ކުއްވެރިކޮށް ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަކީ މި ކައުންސިލުގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން، މި މުޒާހަރާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މިޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ