މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާގެ މައްސަލަ، ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސް ނިންމައިފިއެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް، އެމްޑީޕީ އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާ ދެމެދު ވަނީ އައު 'ސެޓްލްމަންޓް އެގްރީމެންޓެއް' އެކުލަވާލާފައެވެ. އަދި މި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދެ ފަރާތަށް އަންގައި، ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމައިދިނުމަށް އައިއޭއެސްއިން އެދުމާ ގުޅިގެން، ސިވިލް ކޯޓުން މިއަދު ވަނީ އެގޮތަށް ހުކުމް އިއްވާފައެވެ. އެހެންނަމަވެސް، ދެ ފަރާތުން އަލަށް ވެވުނު އެއްބަސްވުމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ ކެމްޕޭނުގެ ދަތުރުތަކަށް އެމްޑީޕީން މޯލްޑިވިއަންއަށް ޖުމްލަ 5.6 މިލިއަން ރުފިޔާ ދައްކަން ޖެހުނެވެ. އޭގެ ތެރެއިން ނުދައްކާ އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، އެ ޕާޓީން އެ ފައިސާ ދައްކާފައެއް ނުވެއެވެ. މިކަމާ ގުޅިގެން، ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދޫކުރާ ފައިސާއިން އެ އަދަދު އުނިކޮށް، އެ ޕާޓީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްދިނުމުގެ އަމުރަކަށް ވެސް އައިއޭއެސްއިން ކުރިން އެދިފައިވެއެވެ.
އެންމެ ފުރަތަމަ މި ފައިސާ ދެއްކުމަށް ހަމަޖެހިފައި އޮތީ ކޮންމެ ހަ މަހަކުން ބައެއް ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ހަލާސްކުރާ ގޮތަށެވެ. ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ފައިސާ ނުދެއްކުމުގެ ސަބަބުން، އައިލެންޑް އޭވިއޭޝަނުން ފަހުން ނިންމީ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށް ދައުވާކުރާށެވެ. އެ މައްސަލަ މިހާރު މިވަނީ ކޯޓުން ބޭރުން ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހައްލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ