އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުޅަދާނަ ގޯލްކީޕަރު ސަލީމް އަލްއަޝްގަރު ޝަހީދުކޮށްލައިފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ ސަލީމް ޝަހީދުވެފައިވަނީ އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައެވެ. އޭނާ ޝަހީދުވި އިރު ކައިވެންޏަށް އަދި ވީ އެންމެ ފަސް މަހެވެ. އަދި އޭނާގެ އަންހެނުން އިނީ އަލަތު ދަރިފުޅަށް ބަނޑުބޮޑުކަމަށްވެސް މައުލޫމާތު ލިބެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން އޭނާގެ އާއިލާއަށާއި ފަލަސްތީނުގެ މުޅި ކުޅިވަރު އާއިލާއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ ކުޅިވަރު ދާއިރާއަށް ނިސްބަތްވާ 1000 އަށްވުރެ ގިނަ އެތުލީޓުން ވަނީ ޝަހީދުކޮށްލާފައެވެ. ސަލީމްގެ ކުއްލި ވަކިވުމާ ގުޅިގެން ޗިލީގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ޑިޕޯޓިވޯ ޕަލެސްޓީނޯއިން ވަނީ ހިތާމަފާޅުކޮށް، މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓާލައި އިންސާފާއި ސުލްހަ ގާއިމުކުރުމަށް ގޮވާލާފައެވެ. އިޒްރޭލުން ޣައްޒާގެ އާންމުންނާއި ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށް ހިންގަމުންދާ ޖަރީމާތައް ބައިނަލްއަޤްވާމީ މުޖުތަމައުން އަންނަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.
ކޮމެންޓު ފޮނުވާ