އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެއިން ފެށިގެން 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވަނީ އެރަށު "މައިލޯސިޓީ" ނަމަކަށް ކިޔާ ގެއެކެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑްރަގް ކެފޭއެއްގެ ގޮތުގައި ހިންގާ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި އެ ގެ ބަންދުކުރަން އަމުރުކުރީ، އެތަނުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރާ މީހުންނަށް އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުންދާތީއެވެ. އަދި އޭގެ ސަބަބުން އާންމު ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ބޮޑެތި ޖިނާއީ ކުށްތައް ކުރަމުންދާކަންވެސް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ