ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 56 އިންސައްތަ ކުދިންނަށް އެކަށީގެންވާ ފެންވަރަކަށް އަތުން ލިޔަން ނޭނގޭކަން ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަދު އާންމުކުރި "ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް" ރިޕޯޓާ ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދަރިވަރުންގެ އަތުލިޔުމުގެ ފެންވަރު ވަޒަންކުރުމުން ފެނިގެންދިޔައީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާއެއް ކަމަށެވެ. އަދި މިއީ ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަންދީގެން އަވަސް ހައްލެއް ހޯދައި، ރަނގަޅުކުރަންޖެހިފައިވާ މުހިންމު ދާއިރާއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިފަހަރުގެ އެސެސްމަންޓުގައި ދަރިވަރުންގެ އަތުލިޔުމުގެ ބައި ވަނީ މުޅިން އަލަށް އިވެލުއޭޓްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި ބައިން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް (ސްކޯއެއް) ހޯދިފައިވަނީ އެންމެ 44 އިންސައްތަ ދަރިވަރުންނަށެވެ. މިއާއެކު، ސްކޫލް މަރުހަލާގައި ކުދިންގެ އަތުލިޔުމުގެ ހުނަރު ތަރައްޤީކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން މި ރިޕޯޓުން ވަނީ ސާފުވެފައެވެ.
ކޮމެންޓު ފޮނުވާ