އިންސާފު ޤާއިމްކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާ: ޣައްސާން

އިންސާފު ޤާއިމްކޮށް، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާ: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 05:57
0

އަދުލު އިންސާފު ޤާއިމްކޮށް ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ޣައްސާން ވިދާޅުވީ ދިވެހިން މިވެރިކަން ގެނައީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. ރައްޔިތުންގެ ވެފައިވާ ވައުދުތައް ނުފުއްދައި އަނިޔާވެރިވެ، ރައްޔިތުން އިތުރަށް ބިކަ ކުރުމަށް ނޫންކަމަށެވެ. ނަމަވެސް މިފެނިގެންދަނީ ވެފައިވާ ވައުދުތައް ފުއްދުމުގެ ބަދަލުގައި ޤައުމުގެ މަސްލަހަލާއި އަމާންކަން ގެއްލެމުންދާ މަންޒަރުކަމަށް ޣައްސާން ވިދާޅުވިއެވެ.

ދިވެހިންނަކީ އަބަދުވެސް ހަމަޖެހުމާއި އިންސާފަށް ލޯބިކުރާ ރައްޔިތަކު އުޅޭ ޤައުމަކަށްވާއިރު، އިންސާފު ގެއްލި އަދުލުވެރިކަން ގެއްލިގެން ދިއުމަކީ ދިވެހިންނަށް ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ޣައްސާން ވިދާޅުވިއެވެ. ޤައުމުގެ މިނިވަންކަމައި އިސްތިޤުލާލު ގެއްލި އަމާންކަން ގެއްލުމުން ރައްޔިތުން އިންސާފު ހޯދަން ނިކުންނާނެކަމަށް ޣައްސާން ވިދާޅުވިއެވެ.

ދިވެހިން އެދެނީ ތިޔާގި ކަމާއި ތަނަވަސްކަމަށް. ޞިއްހަތާއި ރައްކާތެރިކަމަށް. އިންސާފާއި ހަމަހަމަ ކަމަށް. އިސްލާމްދީނާއި ޤައުމުގެ އިސްތިޤުލާލު ހިމާޔަތް ކުރުމަށް. ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާ! އިންސާފު ކޮބާ؟

– ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މާލެއާއި މުޅި ރާއްޖޭގައި މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އިންސާފުގެ ހޯދުމަށް މުޒާހަރާ ކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް އިދިކޮޅު ކޮންމެވެސް ހަރަކާތެއް ފެނިގެންދާއިރު، މި ހަރަކާތްތަކުގައި އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅުން ހައްޔަރުކޮށް ދޫނިދުއަށްވެސް ގެންގޮސްފައިވެއެވެ. ނަމަވެސް މުޒާހަރާތައް އެއްވެސް މަޑު ޖެހުމެއްނެތި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.