އަދާލަތު ޕާޓީގެ އިންތިޚާބުގެ ވޯޓުލުުގެ ވަގުތު އިތުރުކޮށްފި

އަދާލަތު ޕާޓީގެ އިންތިޚާބުގެ ވޯޓުލުުގެ ވަގުތު އިތުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 05:02
0

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް މިއަދު ކުރިއަށްދާ އެޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އިންތިޚާބުގެ ވޯޓުލުމުގެ އެންމެ ފަހު ވަގުތެއް ކަމުގައި ކަނޑައަޅާފައިވަނީ މިއަދު ހަވީރު17:00 އަށެވެ. ނަމަވެސް މިހާރު ވަނީ ވަގުތު މިރޭ 21:00 އާއި ހަމަޔައަށް އިތުރުކޮށްފައެވެ. އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ ނުވަތަ ވޯޓްލުމުގައި އެއްވެސް ދައްޗެއް ދިމާވާނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  [email protected]އަށް އީމެއިލް ކުރެއްވުން އެޕާޓީން ވަނީ ދަންނަވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މި އިންތިޚާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި ތިއްބެވި ދެ ވަޒީރެކެވެ. އެއީ މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

އަދާލަތު ޕާޓީގެ އިންތިޚާބުގައި އެޕާޓީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު އޮތީ އިމްރާނަށެވެ. އިމްރާން ވަނީ މާލޭގައި ކެމްޕެއިން ފެށުމުގެ ހާއްސަ ހަރަކާތެއްވެސް ބާއްވާފައެވެ. މި ހަފްލާގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް ވާދަކުރެއްވީ ޕާޓީގެ ވަރަށް ގިނަ މެމްބަރުންގެ އެދުމުގެ މަތީންނާއި، ޕާޓީއަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު ގެނައުމުގެ ނިޔަތުގައިކަމަށެވެ.

އިމްރާން ވަނީ އަދަލާތު ޕާޓީގެ އިންތިޚާބުގައި ވޯޓު ލައްވާފައެވެ. ވޯޓު ލުމަށްފަހު އިމްރާން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް އަދާލަތު ޕާޓީގެ ލީޑަރޝިޕް ކަނޑައެޅުމަށް ބާއްވާ މި އިންތިޚާބުގައި ޕާޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށެވެ. އިމްރާންގެ ކެންޕެއިން މެނޭޖާ ޝިފާން ވިދާޅުވީ މި އިންތިޚާބު އިމްރާން 90 އިންސައްތައަށްވުރެ ބޮޑު އައުލަބިއްޔަަތަކުން ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.