މީޑިޔާގެ މިނިވަންކަމޭ ކިޔައިގެން ވެރިކަން ކުރަމުންދާ މީހުން މިއަދު ލަދުގަންނަންޖެހޭ: ސައީދު

މީޑިޔާގެ މިނިވަންކަމޭ ކިޔައިގެން ވެރިކަން ކުރަމުންދާ މީހުން މިއަދު ލަދުގަންނަންޖެހޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 10:15
0

މީޑިޔާގެ މިނިވަންކަމޭ ކިޔައި، ތަންމިނަށް މީޑިޔާއަށް މިނިވަންކަން ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެ ވެރިކަމަށް އައިމީހުން މިއަދު ލަދު ގަންނަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި އިއްޔެ ކުރި މުޒާހަރާގައި، މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް 13 ގެ ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާލިބި ފައިވައެވެ. ބައެއް ނޫސްވެރިންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ފުލުހުން ބާރުގެ ބޭނުންކޮށް، މުޒާޖަރާ ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ޖެހިއިރު، ނޫސްވެރިންގެ ލޮލަށްވެސް ވަނީ ޕެޕާސްޕްރޭ ޖަހާފައެވެ.

ފުލުހުން އިއްޔެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި ގުޅިގެން ސައީދު ވިދާޅުވީ މިއީ މިނިވަން މީޑިޔާއާއި، ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ވައުދުވެ އެބޯޑުތައް ހިފައިގެން ވެރިކަމަށް އައިމީހުންގެ ހާލަތު މިއަދު ހުރި ގޮތްކަމަށެވެ. ވެރިކަމަށް އައުމަށްފަހު އޭރުވެފައިވާ ހުރިހާ ވައުދެއް ހަދަނާންތި، މީޑިޔާގެ އަޑު ކަޑުވާލައި މިއަދު މީޑީޔާތަކަށާއި، ނޫސްވެރިންނަށް ދެމުމުންދާ ހަމަލާތަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ.

މިނިވަން މީޑިޔާއަށް ވަކާލާތުކޮށް އަޑު ހަރުކޮށް ގޮވަމުންދިޔަ ފަރާތްތައް މިއަދު "ހައްޕު" ކިޔައިގެން ތިއްބެވުން ލަދުވެތި. ޗެނަލް 13 ގެ ޖާނަލިސްޓުންނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މޯލްޑިވަސް ޖާނަލިސްޓު އެސޯސިއޭޝަން ކޮބައިތޯ؟

– ސައީދު ވިދާޅުވިއެވެ.

އިއްޔެ މާލޭގައި ކުރިއަށްދިޔަ މުޒާޖަރާގައި މާގިނަ ބަޔަކު ބައިވެރި ނުވިނަމަވެސް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ނިކުމެފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށާއި، ބައިވެރިން ފަހަތަށް ޖެއްސުމުގައި ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އިއްޔެގެ މުޒާހަރާގައި ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ރާއްޖޭގައި ގާއިމްވެފައިވާ ނޫސްވެރިންގެ އެއްވެސް ޖަމްއިއްޔާއަކުންވެސް އަދި އެއްވެސް މުއަސްސަސާއަކުންވެސް މިކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައިނުވެއެވެ. ނޫސްވެރިންނަށް ދިމާވާ މިފަދަ ކަންތައްތަކުގައި މީޑިޔާ ކައުންސިލާއި، ބްރޮޑްކާސްޓިން ކޮމިޝަނަކީ ނޫސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޤާނުނީ ބާރު ދީގެން އުފައްދާފައިވާ ދެ މުވައްސަސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.