ކޯވިޑްގެ ނުރައްކާ އެންމެ ބޮޑު އުމުރު ފުރައިގެ މެމްބަރުން ތިބީ ޕީޕީއެމްގައި ކަމަށާއި، ޕީޕީއެމްއިން އެކި ހަރަކާތްތައް މިދުވަސްވަރު އިންތިޒާމު ކުރައްވާއިރު މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވެފައިވަނީ މާލޭގައާއި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން ގިނަ މުޒާހަރާތަކެއް ކުރަމުންދާތީ އެމުޒާހަރާތަކާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކޯވިޑްގެ ނުރައްކާ އެންމެބޮޑު އުމުރުފުރައިގެ މީހުން ތިބި ޕާޓީއަކީ ޕީޕީއެމްއަށްވާއިރު މިދުވަސްވަރު ކޯވިޑްގެ އަދަދުތައްވެސް އިތުރުވަމުންދާތީ ޕީޕީއެމްގެ އުމުރުން ދުވަސްވީ މެމްބަރުންގެ ޞިއްޚަތަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.
ޕީޕީއެމް އަކީ ކޯވިޑްގެ ނުރައްކާ އެންމެ ބޮޑު އުމުރު ފުރައިގެ މެމްބަރުން އެންމެ ގިނަ ޕާޓީ. ޚާއްސަކޮށް ހަރަކާތްތަކުގައި. ފައްސިވާ އަދަދު އިތުރުވެފައިވާ މިދަނޑިވަޅުގައި އެ މެމްބަރުންގެ ސިއްހަތު ނުރައްކަލަށް ވައްޓާލުމަކީ ވަރަށް ލާއިންސާނީ އަމަލެއް.
– މޫކޭ ވިދާޅުވިއެވެ.
މޫކޭ މިހެން ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމްގެ ގިނަ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުންނާއި، ޒުވާން އުމުރުގެ ގިނަ ބޭފުޅުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރާއްޖެ އަށް ކޯވިޑް-19 ފެތުރިގެން ދިއުމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ދައުރު ބޮޑު ކަމަށް މީގެ ކުރިންވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ