ޕޯސްޓްމޯޓަމްގެ ހިދުމަތް ރާއްޖޭގައި އަވަހަށް ގާއިމުވުމަކީ އުންމީދެއް: ޑރ. އުމަރު

ޕޯސްޓްމޯޓަމްގެ ހިދުމަތް ރާއްޖޭގައި އަވަހަށް ގާއިމުވުމަކީ އުންމީދެއް: ޑރ. އުމަރު

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 11:46
0

ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް ދީފައިވާ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށިގެންދިއުމަކީ ވަރަށްބޮޑު އުންމީދެއްކަމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިޔާއަށް ޑރ.ހަސަން އުމަރު ދެއްވި އިންޓަރވިއުއެއްގައި މިމަަސައްކަތް ރާއްޖޭގައި ކުރަންޖެހޭ ސަބަބާއި، މިކަމުގެ ސަބަބުން ލިބިގެންދާ ފައިދާތައް ވަރަށް ތަފްސީލް ގޮތެއްގައި ވިދާޅުވެދެއްވާފައިވެއެވެ.

ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރެވޭ މަސައްކަތް

ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެގޮތުން ފާއިތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެތެރޭގައި އެކި މިންވަރަށް މަސައްކަތްކޮށްފައިވީނަމަވެސް، ނިމިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު މުތުލަގު ގޮތަކަށް ލިބިގެން ދިއުމުން އަނެއްކާވެސް މިކަމާ ގުޅުންހުރި މަސައްކަތްތަކެއް މިވަނީ ފަށާފައެވެ. އެގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނައިރު މި މަސައްކަތުގައިވެސް ޑރ. އުމަރުގެ ހިޔާލާއި މަޝްވަރާ ހިމެނިގެންދާކަން  ފާހަގަކުރެވެއެވެ. އެހެންނަމަވެސް މިމަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް މިހާރަށްވުރެ ރޭވުންތެރިކަމާއެކު މިކަމަށް ހާއްސަ ވަކި ޓީމެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޑރ. އުމަރު ގަބޫލުކުރައްވައެވެ.

އޮޓޮޕްސީ ހެދުމުގައިވެސް ފަހުގެ ޓެކްނޮލޮޖީ

ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޑރ. ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ބޮޑަށް ބަރޯސާވަނީ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް އެކަން ކުރުމަށްކަންވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވަރޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމަ އަސްލުގަ މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެވެސް ތަސައްވުރަކީ. އެގޮތަކަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ"

ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމެކެވެ. މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ތަހުގީގީ ބޭނުންތަކަށް އޮޓޮޕްސީ ހަދަން ކޮންމެހެން މުހިންމު ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން އެކަން ހަމަޖައްސައިދެވޭނަމަވެސް އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑުކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން މި ދަތިތަކުން އަރައިގަނެވި މި ހިދުމަތް ރާއްޖޭގައި އަވަހަށް ފެށިގެން ދިއުމަކީ ޑރ. އުމަރު ފަދައިން ކޮންމެ ދިވެއްސެއްގެވެސް އުންމީދެވެ.

ގުދުރަތީ މަރެއްކަން ނުވަތަ ނޫންކަމަށް ޑޮކްޓަރުންނަށް ސީދާ ކަނޑައެޅިގެން ބުނެދެވެން ނޯންނަ ހާލަތްތަކުގައާ އަދި ގަސްތުގައި މަރާލާފައި އޮތް ކަމަށް ބެލެވޭ ހާލަތްތަކުގައިވެސް މަރުވި އަސްލު ސަބަބު ކަނޑައެޅިގެން ބުނެދެވެން އަންނަނީ ޕޯސްޓްމޯޓެމް ނުވަތަ އޮޓޮޕްސީއެއް ހަދައިގެންނެވެ. އެގޮތުން ދިވެހި ފުލުހުންނަށްވެސް ގާނޫނުން މުތުލަގު ގޮތެއްގައި ޕޯސްޓްމޯޓެމް ހެދުމުގެ ބާރު މިހާރު ވަނީ ލިބިދީފައެވެ. އަދި މިހިދުމަތް ރާއްޖޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު މިހިދުމަތް ރާއްޖޭގައި ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި އެއް އޮފިސަރަކީ ޕެތޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރުއެވެ.

ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޑރ. އުމަރުގެ ބޮޑު އުންމީދަކަށްވާއިރު، އެހިދުމަތް ރާއްޖޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނަކަމުގައި އުމަރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައިވެސް މިހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއްވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މިދާއިރާކީ" ވަކިން ހާއްސަކޮށް ރާއްޖެއަށް އެތަކެއް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ޕްރޮފެޝަނަލްކޮށް އިންތިޒާމްވެފައި ހުރުމަކީ އެފަދަ ފަރާތްތަކުގެވެސް އިތުބާރު ބޮޑުވެގެންދާނެ ކަމައްކަމުގައި ޑރ. އުމަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.