ޑަބް.ލިއު.އެޗް.އޯ އިން އެޕްރޫވް ނުކުރާ ވެކްސިނެއް ދިވެހި ރައްޔިތުންގެ ގަޔަށް ޖެހުމަށް ކުރެވޭ މަސައްކަތަކީ ޞިއްޚީ ޚިދުމަތްތެރިން ލައްވައި ސަރުކާރުން ހަދަން އުޅޭ ވަރަށް ބޮޑު ގޯހެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ވެކްސިންގެ މައުލޫމާތު ދިނުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ވެކްސިންއާއި ގުޅޭގޮން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޞައްހަ ތެދު މައުލޫމާތު ދިނުމަށް ވަރަށްގިނަ ދިރާސާތަކާއި، ކަމުގެ ފަންނީ ބޭފުޅުންގެ މަޝްވަރާއާއިއެކު ގިނަ މައުލޫމާތުތަކެއް އެއްކޮށްފައިވާކަމަށެވެ.
މުންދު ވިދާޅުވީ ދުނިޔޭގައި މިވަގުތު ބޭނުން ކުރަމުންދާ ކޯވިޑް ވެކްސިން ތަކުގެ ތެރެއިން ޑަބް.ލިއު.އެޗް.އޯ އެޕްރޫވް ލިބިގެން ބޭނުން ކުރަމުންދަނީ މަދު ވެކްސިނެއް ކަމަށެވެ. ކްލިނިކަލް ސްޓޭޖް 3 ނިންމައި ޑަބް.ލިއު.އެޗް.އޯގެ އެޕްރޫވަލް ލިބިފައިވާ 6 ވެކްސިނެއް ދުނިޔޭގައި ބޭނުން ކުރަމުންދާއިރު، އޭގެ ތެރެއިންވެސް އެންމެ އިތުބާރު ބޮޑު ވެކްސިނަކީ ފައިޒާ ވެކްސިންކަމަށް މުންދު ވިދާޅުވިއެވެ.
ރާއްޖެއަށް މިވަގުތު ގެނެސްފައިވާ ވެކްސިން ރައްޔިތުންގެ ގަޔަށް ޖެހުމަށް ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވެމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް ޞިއްޚީ ބޭފުޅުން މިވެކްސިނަކީ އަދި ޑަބް.ލިއު.އެޗް.އޯ ހުއްދަ ލިބިފައިވާ ވެކްސިނަކަށް ނުވާތީ އެވެކްސިން ޖެހުމަށް ދެކޮޅު ހެއްދުވުމުން ސަރުކާރުގެ ސިޔާސީ ނުފޫޒު އެބޭފުޅުންގެ މައްޗަށް ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ އިސް ބޭފުޅުންކީ އަދި އެދާއިރާގެ ކޮންމެ ޚިދުމަތްތެރިއަކީވެސް ވެކްސިންގެ މައުލޫމާތުތަކާއި، މިކަމުގެ ގެއްލުމާއި ފައިދާ އެގޭބަޔަކަށްވާއިރު ރައްޔިތުންނަށް ދެރަގޮތެއް ވާގޮތަކަށް އެބޭފުޅުން ކަންކަން ނުނިންމަވާނެކަމަށް އުންމީދު ކުރައްވާކަމުގައި މުންދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރަކަށް ހުންނެވި ނަސީމު ދެ ހަފްތާ ވަރުވެއްޖެ މިވެކްސިން ޖެއްސުމަށް ބާރުއަޅައި ވަކި ގޮތަށް ކަންކަން ގެންދިއުމަށް އެބޭފުޅުންނަށް އޯޑަރު ދެމުންދާތާ. ނަމަވެސް ޞިއްޚީ ބޭފުޅުން މިކަމާއި ދެކޮޅު ހައްދަވާތީ ވަރަށް ކޯފާ އިސްކުރައްވައި ދެ ބައްދަލުވުމެއްގައި އެބޭފުޅުންނާއި ވަނީ މުޚާތަބު ކުރައްވާފަ. ނަމަވެސް ނަސީމަށްވުރެ މިދާއިރާއާއި، މިކަމުގެ ތަޖުރިބާ އެބޭފުޅުންގެ ހުންނަވާނެ. އެބޭފުޅުން ގޯހެއް ނުހައްދަވާނެ.
– މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ މިވަގުތު ދުނިޔޭގައި ކޯވިޑަށް ބޭނުންކުރަމުންދާ ވެކްސިން ތަކުގެ ތެރެއިން ޑަބް.ލިއު.އެޗް.އޯ އިންވެސް އަދި ޞިއްޚީ ބޭފުޅުންވެސް އެންމެ ބޮޑު އިތުބާރެއް ކޮށްފައިވަނީ ފައިޒާ ވެކްސިނެއް ކަމަށެވެ. އަދި ރާއްޖެ މިވަގުތު ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގައި ވާދަވެރިކަމާއިއެެކު ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑަބް.ލިއު.އެޗް.އޯ ގެ އެޕްރޫވަލް މަރުހަލާގައިވާ ވެކްސިނަކަށްވާއިރު، މިވެކްސިން ހުއްދަނުލިބެނީވެސް ބޭނުން ކުރުމަކީ ޑަބް.ލިއު.އެޗް.އޯ އިންވެސް އެދޭނެ ކަމެއްނޫންކަމަށެވެ.
މުންދު ވަނީ މިބައްދަވުމުގައި ވެކްސިންތަކުގެ ތަފްސީލްތައް ނޫސްވެރިންނަށް ހިއްސާކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި ވެކްސިންގެ ވާދަވެރިކަން އޮތް މިންވަރާއި، ވެކްސިން ބޭނުން ކުރުމުގައި އަމަލު ކުރަމުންދާ އުސޫލުތައް ހާމަކޮށްދެއްވާފައެވެ. އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ރާއްޖެއަށް ގެނެސްފައިވާ ކޯވިޑް ވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ. ރާއްޖެއަށް ގެނައި ވެކްސިނުގެ 100000 ޑޯޒަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒްތަކެކެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ