ބޮޑެތި ޓީމުތަކުގެ ކައިރީގައި ނަތީޖާ ނެރެވޭނެކަމަށް ގަބޫލްކުރެވިއްޖެކަމަށް އިންގްލޭންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
ނޭޝަންސް ލީގުގައި ބެލްޖިއަމް މައްޗަށް ކުރި ހޯދުނީ ޒުވާން ކުޅުންތެރިންގެ ހުނަރުން ކަމަށާއި މިއީ ކުރެވުނު ރަނގަޅު ތަޖުރިބާއެއްކަމަށް އިންގްލޭންޑް ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ. މެޗަށްފަހު ވާހަދައްކަމުން ސައުތުގޭޓް ބުނީ މިކާމިޔާބީގައި ޓީމުގައި ތިބި ގިނަ ޒުވާން ކުޅުންތެރިންގެ ހިއްސާބޮޑު ކަމަށެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗަކީ މިވަގުތު ދުނިޔޭގެ އެންމެ މަތީފަންތީގައި ކުޅެވިގެން ދިޔައި މެޗެއްގެ ގޮތުގައި ސައުތުގޭޓް ވަނީ ސިފަކޮއްފައެވެ. އޭނާގެ ޓީމުގެ ތަޖުރިބާމަދު ޒުވާން ކުޅުންތެރިން ކުޅުނީ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށްކަމަށް ސައުތުގޭޓް ބުނެފައިވެ އެވެ.
" މިއީ އެންމެ މަތީ ލެވެލްގެ މެޗެއް. އަހަރަމެންގެ ޒުވާން ކުޅުންތެރިން ބެލްޖިއަމްގައި ތިބި ބޮޑެތި ނަންތަކާ ދެކޮޅަށް މޮޅަށްކުޅެފި. މިމެޗުގައި ދެއްކި ހިއްވަރު ކުރިޔަށްހުރި މެޗުތަކުގައި ވެސް ދައްކަން ޖެހޭ." ސައުތުގޭޓް ބުނެފައިވެ އެވެ.
މެޗަށްފަހު ވާހަދައްކަމުން މެޗުން އިންގްލޭންޑް މޮޅުވި ލަނޑު ޖެހި ކުޅުންތެރިޔާ އަދި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި މާސެން މައުންޓް ބުނީ ވެންބްލީގައި އޭނާގެ ފުރަތަމަ ލަނޑުން ހާއްސަ އުފަލެއް ލިބިއްޖެކަމަށެވެ. މެޗަށްފަހު ވާހަދައްކަމުން އިންގްލޭންޑް ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑެސަން ބުނީ އަބަދުވެސް ވާދަކުރަން ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ކަމަށާއި ޓީމުން އެންމެ ބޭނުންވި ގޮތައް ވަރަށް މޮޅަށް އިންގްލޭންޑުން ކުޅުނު ކަމަށް ހެންޑެސަން ބުނިއެވެ.
މި މޮޅާއެކު 7 ޕޮއިންޓް ހޯދައިގެން އިންގްލޭންޑް ވަނީ ގުރޫޕްގެ އެއްވަނައިގަ އެއްޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އޮތް ބެލްޖިއަމް އަށް 6 ޕޮއިންޓް ލިބުނު އިރު ކޮރޭޝިޔާ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ގުރޫޕް ފުލުގައިވާ އައިސްލޭންޑަށް އަދި ޕޮއިންޓެއް ލިބަފައެއްނުވެއެވެ.